"ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ.

މި ލިސްޓް އާންމުކޮށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ، ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޞައްޙަކުރުމަށް އެ ނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެހެންވެ އެ ލިސްޓު ޢާންމުކުރާކަމަށެވެ.

Ad
rt

މި ލިސްޓު ސައްޙަ ކުރުމުގެ މަސައްކަތުގައި ބަލާފައިވާނީ ދެކަމަކަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ދެކަމަށްބަލާއިރު، ފުރަތަމަ ކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކޮށްފައި ވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމެވެ. މި ގޮތުން އެ މިނިސްޓްރީގެ 14 ޖަނަވަރީ 2025ގެ އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތަށް އިސްތިސްނާތަކަށް ރިޢާޔަތްކޮށްފައިވާނެކަމާއި އަދި 26 ޖޫން 2022 ގައި "ގެދޮރުވެރިން ޕޯޓަލް" ގައި ޝަރުޠު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ކަމަށް އިޢުލާންކޮށްފައިވާ ލިޔެކިޔުންތައް ބަލާ ޗެކް ކުރެވިފައިވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ފޯމް ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މަޢުލޫމާތުތަކަށް ބަލައި ދީފައިވާ ޕޮއިންޓެވެ. މިގޮތުން 15 ނޮވެންބަރު 2023 ގައި ފޯމުތައް އިވެލުއޭޓް ކުރި ކުރިއިރު ދީފައިވާ ޕޮއިންޓް ޢަދަދަށް ބަދަލު އައިސްފައިވާނަމަ އެކަން ޕޯޓަލްއިން ސަބަބާއެކު އެނގެން އޮންނާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަޙުޤީޤަށްފަހު ރަނގަޅު ކުރުމަށް އަންގަވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުރިއަށް ގެންދެވުނު ލިސްޓް ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތަށްފަހު މިއަދު ޝާއިޢުކުރި ލިސްޓުގައި ފްލެޓް ލިބޭކަމަށް ކަނޑައެޅިފައިވަނީ ދެ ޝަރުޠެއް ފުރިހަމަވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާކަމަށް ލިޔެކިޔުންތަކުން އެނގޭ ފަރާތްތަކާއި އަދި 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ އެކު ޢާންމު ކޮށްފައިވާ ލިސްޓުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 75 (ހަތްދިހަ ފަހެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް، އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 (ހަތްދިހަ ތިނެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ ޢަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެފަވެއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިއަދު އާންމުކުރި ފްލެޓް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ހުޅުވާލާފައެވެ.

މިގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ހުށަހަަޅަން ޖެހެނީ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ ހުށަހަޅަން ޖެހެނީ gedhoruveriya@infrastructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުންނެވެ.

ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅަންޖެހެނީ ހައުސިން މިނިސްޓްރީގެ 4004911 ނުވަތަ 4004910 ފޯނަށެވެ.

ފްލެޓް ލިސްޓް އެޓޭޗްކޮށްފައިވާ ޢިއުލާން ބައްލަވަން ކްލިކް ކޮށްލައްވާ:

ހައުސިން މިނިސްޓްރީން ބުނީ، 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދާނެކަމަށެވެ. މިގޮތުން އެފަރާތަކާ ފްލެޓް ޙަވާލުކުރުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފަވެއެވެ.