ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދުއާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ.

މި މަޝްރޫޢަށް އިޝާރާތް ކުރައްވާ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް މުޢިއްޒު ރޭ ވިދާޅުވީ ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއް ކަމުގައެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައިތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މާތް ﷲ ގެ އިރާދަފުޅާއެކު މި ދައުރުގެ ތެރޭގައި ހައްދަވައި، ރައްޔިތުންނަށް ދައްކަވައި ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި މަޝްރޫޢު ފެށުމުން ދ. އަތޮޅުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. އަދި މި ބަނދަރު ތަރައްޤީވުމުން ސަރަޙައްދީ ވިޔަފާރިއަށްވެސް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.