އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ހުށަހެޅުންތަކަށް އެމެރިކާގެ ގިނަ ރައްޔިތުން ދެކޮޅުހަދާކަން އައު ސަރވޭއަކުން ދައްކައިފިއެވެ.

ޓްރަމްޕްގެ އެޖެންޑާއާ ގުޅޭގޮތުން ފެބްރުއަރީ 13 އިން 18 އަށް ރޮއިޓާސް ނިއުސް އެޖެންސީން ކުރި މި ސަރވޭގައި 4،145 އެމެރިކާ ރައްޔިތުން ބައިވެރިވިއެވެ. ސަރވޭގެ ނަތީޖާއިން ދައްކާގޮތުގައި އެމެރިކާގައި ދިރިއުޅޭ އިލީގަލް އިމިގްރަންޓުން (ގަވައިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުން) ޑިޕޯޓްކުރުން އިތުރުކުރުމަށް 55 އިންސައްތަ މީހުން ތާއީދުކުރިއެވެ. މިއީ ސަރވޭގައި ހިމެނުނު ހުށަހެޅުންތަކުގެ ތެރެއިން އެންމެ ގިނަ މީހުން ތާއީދުކުރި ހުށަހެޅުމެވެ.

Ad
rt

އެހެންނަމަވެސް އެލޮން މަސްކްގެ އިސްނެގުމުގައި ފެޑެރަލް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ޓާސްކްފޯހެއް އުފެއްދުމަށް 53 އިންސައްތަ މީހުން ދެކޮޅުހަދައެވެ. އަދި މެކްސިކޯ ކަނޑުގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރުމަށް 65 އިންސައްތަ މީހުން ދެކޮޅުހެދިއެވެ.

ޣައްޒާގެ ސަރަޙައްދު އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމަށް 68 އިންސައްތަ މީހުން ދެކޮޅުހެދިއެވެ. މިއީ ސަރވޭގައި ހިމެނުނު ހުށަހެޅުންތަކުގެ ތެރެއިން އެންމެ ގިނަ މީހުން ދެކޮޅުހެދި ހުށަހެޅުމެވެ.

ޓްރަމްޕްގެ މި އެޖެންޑާތަކަށް ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު ތާއީދުކުރާއިރު، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މި ހުރިހާ ހުށަހެޅުމަކާވެސް ދެކޮޅުހަދައެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ބުނާގޮތުގައި، ޓްރަމްޕްގެ އެޖެންޑާތަކަކީ އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާވެދާނެ، އަދި އެތައް ބިލިއަން ޑޮލަރެއްގެ ޚަރަދު ހިނގާނެ ކަންތައްތަކެކެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީން ބުނާގޮތުގައި މިއީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ފިޔަވަޅުތަކެކެވެ.

މި ނަތީޖާތަކުން ދައްކާގޮތުގައި އެމެރިކާގެ ވޯޓުލާ ރައްޔިތުން އަދިވެސް ފިކުރީގޮތުން ބައިބައިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަސަރުކުރާނެ ކަމެއްކަމަށް ސިޔާސީ މާހިރުން ދެކެއެވެ.