ޔޫރަޕުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލަންޖެހޭކަމަށް ފްރާންސް ސަރުކާރުން ބުނެފިއެވެ.
ފްރާންސް ސަރުކާރުގެ ތަރުޖަމާނު ސޯފީ ޕްރިމާސް ވިދާޅުވި ގޮތުގައި ޔޫރަޕުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލަންޖެހެއެވެ. އެމެރިކާއަކީ އަދިވެސް އެމީހުންގެ އެކުވެރިންކަމުގައި ވީނަމަވެސް، ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަން އެހެން ބަޔަކާ ހަވާލުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން މިހެން ދިމާވީ އެމެރިކާގެ ރައީސް ޓްރަމްޕް ޔުކްރެއިންގެ ސުލްހައާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ޕުޓިންއާއެކު ސީދާ މަޝްވަރާތަކެއް ފެއްޓެވުމާ ގުޅިގެންނެވެ. މި މަޝްވަރާތަކުގައި ޔޫރަޕުގެ އެއްވެސް ޤައުމެއް ބައިވެރިނުކުރާނެކަމަށް އެމެރިކާގެ ޚާއްސަ މަންދޫބު ކީތް ކެލޮގް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތް ވިދާޅުވެފައިވަނީ ޔުކްރެއިންގައި ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް ކުރަންވާނީ ޔޫރަޕުގެ ޤައުމުތަކުންކަމަށެވެ. މި މަސައްކަތުގައި އެމެރިކާގެ ސިފައިން ބައިވެރިނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކަންކަމާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޯންގެ ދަޢުވަތަކަށް ޔޫރަޕުގެ މައި ޤައުމުތަކުގެ ލީޑަރުން ޕެރިހުގައި ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޔުކްރެއިންގެ ހާލަތާއި، ޔޫރަޕުގެ ސަލާމަތީ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!