ކުށްކުރުމުގެ ނިޔަތުގައި ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭތީ، އެފަދަ މީހުން ހުއްޓުވައި ބަލައި ފާސްކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފުލުހުން ރޭ ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވެއެވެ. އަދި މިފަދަ މީހުން ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުންނާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ފިޔަވަޅުގެ ދަށުން، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުންނަށް ފުލުހުން ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ފިޔަވަޅަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއްކަމަށް ފުލުހުން ބުނެފައިވާއިރު، ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!