އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

Ad
rt

މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ޤާއިމުކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް މިހާރު ވަނީ ޚަލާސްކޮށްފައިކަން ވެސް ފާހަގަކުރަށްވާފައެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއްވެސް ޒަމާނުއްސުރެ އެބަ ހުރިކަން ފާހަގަކުރައްވަމުން، އެކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި އައިސްޕްލާންޓް ގާއިމުކުތަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، އެމަނިކުފާނު ވަޢުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2026 ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް ނިމޭނެ ކަމަށާއި، އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިންގ ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.