ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލާގައި ތުހުމަތުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.
ބައްސާމްގެ މައްޗަށް އެ ދައުވާކުރަނީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ބައްސާމްގެ ވަކީލް ވިދާޅުވި އެވެ. ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިސްލާއިމް ޝަފީއު ވިދާޅުވީ މިއަދު ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އެހެންވެ, ބައްސާމްގެ ވަކީލް ވިދާޅުވީ ދެ ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށާއި ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތަށް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.
ދެ ދައުވާއަށް ބައްސާމް އިންކާރު ކޮށްފައިވާތީ، ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. އެހެންވެ، ދެން އަޑުއެހުމެއް ބާއްވާނީ އެ ހުށަހެޅުންތައް ހުށަހެޅުމަށެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އަމިއްލަ ކަންކަމަށް އެ ފައިސާ ބޭނުންކޮށްފައިވެ އެވެ. އެހެންވެ, އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. .
އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ އުފުލީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ބައްސާމް ގަތުމަށްޓަކައި އަމިން ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައިގެން އަމިން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.
އެ މައްސަލާގައި އަމިން ކުންފުންޏާއި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކަށް ވެސް ދައުލަތުން އޮތީ ދައުވާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!