ޗައިނާގެ އޭއައި ޕްލެޓްފޯމް ޑީޕްސީކް، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަށްވުރެ ކުރިއަރައިގެން ދިޔުމާއެކު އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް އަރައިފިއެވެ.
ޓެކްކްރަންޗްގެ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ އައު އޭއައި ޕްލެޓްފޯމް ޑީޕްސީކް ވަނީ އެޕަލްގެ ޑައުންލޯޑް ރޭންކިންގައި އެމެރިކާގެ މަޝްހޫރު އޭއައި ޕްލެޓްފޯމް ޗެޓްޖީޕީޓީއަށްވުރެ ކުރިއަރައިގެން ގޮސްފައެވެ.
މިފާއިތުވި ފަސްދުވަހުގެ ތެރޭރޭގައި ލޯންޗްކުރި ޑީޕްސީކް ވަނީ އެންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރި ޕްލެޓްފޯމްގެ މަޤާމުވެސް ހޯދާފައެވެ.
މިއީ މިޕްލެޓްފޯމް ތައްޔާރުކުރުމަށް 10 މިލިއަން ޑޮލަރަށްވުރެ މަދުން އިންވެސްޓްކޮށް، އަދި 200 މީހުންގެ ޓީމަކުން މަސައްކަތްކޮށްގެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.
ޑީޕްސީކްގެ މި ކާމިޔާބީއާ ގުޅިގެން، އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން އެންވިޑިއާގެ ހިއްސާގެ އަގު ވަނީ ޕްރީމާކެޓް ޓްރޭޑިންގގައި 11 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މިއަދުގެ މާކެޓް ހުޅުވުމާއެކު، އެންވިޑިއާގެ މާކެޓް ވެލިއު 350 ބިލިއަން ޑޮލަރު ގެއްލިދާނެ ކަމަށް ލަފާކުރެވެއެވެ.
މި ކުއްލި ބަދަލާއެކު، އޭއައި ދާއިރާގައި ޗައިނާގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފެންވަރާއި ބާރުމިނާ މެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދަން ފަށާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި އިތުރު ވާދަވެރިކަމެއް އުފެދިގެން ދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!