ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ގްރޫޕް އޭގައި ނޭކުރެންދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ރޭ މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ ވިލްފް، ރާއިފް އަދި އަބާންއެވެ. އަނެއް ދެ ލަނޑަކީ ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދާއި އަކްރަމް އަތުން ބައިކޮޅަށް ވަދެފައިވާ ދެ ލަނޑެވެ. ފަރުގެ ހަމައެކަނި ލަނޑު ޖެހީ އަކްރަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ނޭކުރެންދޫގެ ވިލްފްއެވެ.
ރޭ މި ގްރޫޕްގައި ފިނޭއާއި މަކުނުދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފިނޭއަށް ލަނޑު ޖަހައިދިނީ މިސްބާހްއެވެ. މަކުނުދޫގެ ލަނޑު ޖެހީ ހުޝާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް ހުޝާމްއެވެ.
ނޮޅިވަރަންފަރުން ގްރޫޕް ސްޓޭޖްގެ ހަތަރު މެޗު ކުޅެ ނިމުނުއިރު ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެޓީމު މިވަގުތު ތިންވަނައިގައި އޮތް އިރު، އެއްވަނައިގައި ސެމީ ޔަގީންކުރި ނޭކުރެންދޫއަށް ލިބިފައި ވަނީ ތިން މެޗުން ނުވަ ޕޮއިންޓެވެ.
މަކުނުދޫ މިވަގުތު ދެވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އެޓީމު އަތުވާން ހަމައެކަނި އޮތީ ހަތަރުވަނައިގައި ތިން މެޗުން ދެ ޕޮއިންޓާއެކު އޮތް ފިނޭއަށެވެ. އެ ގްރޫޕްގެ ފުލުގައި ހަނިމާދޫ ތިން މެޗުން ޕޮއިންޓަކާއެކު އޮތް އިރު، އެޓީމަށްވެސް ދެން ސެމީގެ ޖާގައެއް ނުލިބޭނެއެވެ.
ނޭކުރެންދޫން ފަހު މެޗުގައި މަކުނުދުއާއި ދެކޮޅަށް ނުކުމެ ބަލިވި ނަމަވެސް އެޓީމަށް އެއްވަނަ ޔަގީންވާ އިރު، ދެވަނަ ޓީމަކަށް އަމިއްލަ ބާރު އޮތީ މަކުނުދޫއަށެވެ. ފިނޭއަށް އޮތީ ހަނިމާދޫ ބަލިކޮށް، މަކުނުދޫ ބަލިވާނެ ކަމަށް އުންމީދުކުރުމެވެ.
ރޭ ގްރޫޕް ބީގައި ނައިވާދޫއިން ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނެއްލައިދޫ ބަލިކޮށްފައެވެ. މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދިނީ ޝާފިއު، ޔާމިން، ޝާއިންގެ އިތުރުން ޔާނިއުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫގެ ޝާފިއުއެވެ. ނެއްލައިދޫގެ ހަމައެކަނި ލަނޑު ޖެހީ ރީހާންއެވެ.
މި ގްރޫޕްގައި ރޭ ނޮޅިވަރަމާއި ކުމުންދޫ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކުމުންދޫއިންނެވެ. މެޗުގައި ކުމުންދޫއަށް ލަނޑުތައް ޖަހައިދިނީ ފަހުމާންއާއި މުހައްމަދު ޝަރީފްއެވެ. ޝަރީފް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.
ކުމުންދޫން ދެން ގްރޫޕްގައި ކުޅެން އޮތީ ނައިވާދުއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެ، ގްރޫޕް އެއްވަނަވެސް ހޯދަން ކުމުންދުއަށް ފުރުސަތު އެބައޮތެވެ. އެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު ނައިވާދޫ އޮތީ ތިން މެޗުން ތިން މޮޅު ހޯދައި، ނުވަ ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި ކުމުންދޫ ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް އިރު، ފަހު މެޗުގައި ނޮޅިވަރަމާ ދެކޮޅަށް ނުކުންނަ ވައިކަރަދުއަށް އަދި އުންމީދެއް އެބައޮތެވެ. އެއީ ކުމުންދޫ ނައިވާދޫ ކައިރީ ބަލިވެގެން ލިބެން އޮތް ފުރުސަތެކެވެ. ވައިކަރަދުއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގިނަ ގޯލުތަކެއް ޖަހައިގެން އެޓީމަށް ދެވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!