ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައެވެ.
ސްޓެލްކޯއިން މިއަދު މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ބުނެފައިވަނީ، މި މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާސްއާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރޭ ހިނގި މި ހާދިސާގައި، ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ ވަނީ ބޯފަޅާލާފައެވެ. އެ މުވައްޒަފަށް ހަމަލާދިން ދެ މީހުން ކުރެ އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑިފައިވެއެވެ. މީގެ އިތުރުން ޓްރާންސްފޯމަރަކާ ގުޅިފައިވާ އޮޕްޓިކް ފައިބަރ ކަނެކްޝަންތަކަށް ގެއްލުން ދީ، ސީސީޓީވީ ނިޒާމް ކަނޑާލަން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއްވެސް ރޭ ވަނީ ފެންމަތިވެފައެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގަ އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައިވާއިރު، މީގެ ކުރިން ޓްރާންސްފޯމަރަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ވަނީ މަރުވެސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!