ހުޅުމާލެ 2 ގައި ހުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުންދިން މައްސަލަ އެއް ބަލަމުންދާ ކަމަށް ވިދާޅުވެފައިވަނިކޮށް ޓްރާންސްފޯމަރަކާ ގުޅިފައިވާ އޮޕްޓިކް ފައިބަރ ކަނެކްޝަންތަކަށް ގެއްލުން ދީ، ސީސީޓީވީ ނިޒާމް ކަނޑާލަން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ކުރި ޓުވީޓެއްގައި ވަނީ ޓްރާންސްފޯމަރުތައް ހުންނަ ސަރަހައްދެއްގައި ހަރުކޮށްފައިވާ ކެމެރާތަކަށް ބަޔަކުގަސްތުގައި ގެއްލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ވިޑިއޯއެއް ހިއްސާކޮށްފައެވެ. އެވީޑިއޯ ހިއްސާ ކުރައްވާ ވިދާޅުވީ، މިފަދަ ޢަމަލަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
މިކަން ހިނގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 20:30 ގައެވެ. ފެންނަ ފެނުމަށް އެއީ ހުޅުމާލެ ކަމުގައި ބެލެވެއެވެ.
ސީސީޓީވީ ނިޒާމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށްވެފައި، މިފަދަ ނިޒާމަކަށް ގެއްލުން ދިނުމަކީ ޤާނޫނީ ގޮތުން ކުށެއްކަން ފާހަގަކުރެވެއެވެ.
މީގެ ދެދުވަސް ކުރިން، ހުޅުމާލެ 2 ގައި ހުންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދީފައިވާމައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އެދުވަހު އެކްސް ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، ގެއްލުން ދީފައިވާ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ތަނެއްގައެވެ. ނަމަވެސް، އެ ތަނަށް ވަދެ ގޭޓުތަކާއި ތަޅުތައް ހަލާކުކޮށް، އެޗްވީ ސިސްޓަމަށް ގެއްލުން ދީފައިވެއެވެ.
"އެ ތަނަށް ގެއްލުން ދިނުމަށް އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން ޔަގީންވާ ގޮތުގައި އެކަމުގައި ބައިވެރިވި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއް،"
ފަހުމީ ވިދާޅުވިއެވެ.
މި ފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި، ކަރަންޓުން ޖެހުމާއި ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެއްވިއެވެ.
"މި ހާދިސާއިން ފާހަގަކޮށްދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން،" ފަހުމީ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، ކުރިމަގުގައި މިފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!