އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބިފައިވަނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ނޫސްވެރިންގެ ވަޓްސްއެޕް ގުރޫޕުގައި ފުލުހުން ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ރަޖުނީއަށް ވިނަރެސް ފްލެޓެއް ލިބުމުގައި އުސޫލަކާ ޚިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތު ދިރާސާކޮށް ބެލުމުން، އެކަމުގައި މަސައްލައެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

Ad
rt

މި މައްސަލަ ފުރަތަމަ ކުރިމަތިވީ ވިނަރެސް ހައުސިންގ މަޝްރޫޢު އުސޫލާ ޚިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޢުލޫމާތު ފެތުރުމާ ގުޅިގެންނެވެ.

އެއާއެކު ރަޖުނީ މަސައްކަތުން ވަގުތީގޮތުން އެކަހެރިކުރިއެވެ. އެ ބަދަލު ގެނައީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަޙުޤީޤުގެ އިތުބާރު ހިފެހެއްޓުމަށް ފުލުހުން ވަނީ ބުނެފައެވެ.

ރަޖުނީއަށް ވިނަރެސް ފްލެޓް ދޫކުރަން ނިންމި ލިޔުމުން އެނގޭ ގޮތުގައި ރަޖުނީއަށް ވިނަރެސް ފްލެޓެއް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ. އެއީ ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް ފްލެޓް ހޯދަން ހުޅުވާލި ފުރުސަތުގައި އޭނާ އެކަމަށް އެދިގެން ހޯދާފައިވާ ފުރުސަތެއް ކަމަށް ވެސް ލިޔުމުން އެނގެއެވެ.