ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާކިޓެކްޓް ފަޔާޒު މަންސޫރު އައްޔަނުކޮށްފިއެވެ.
މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރެވުނު ފުރަތަމަ ފަރާތަކީ ފަޔާޒެވެ.
ފަޔާޒު މި މަޤާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އެޗްޑީސީގެ މަސައްކަތަށް ރަސްމީކޮށް ނުކުމެވަޑައިގަތީ މިއަދުއެވެ. ފަޔާޒަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
މި މަޤާމަށް އައްޔަނުކުރެވުނު އިރު، ފަޔާޒު މަސައްކަތް ކުރައްވަމުން ގެންދެވީ ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގައެވެ.
ފަޔާޒަކީ ތަޢުލީމީ ގޮތުން ޤާބިލު ބޭފުޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ. އޭނާ ވަނީ ކުއަންޓިޓީ ސާވޭއިންގ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ނިއުޒިލޭންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީން ބިލްޑިންގ ސައިންސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!