ތުރުކީގެ ފުރަތަމަ ދާއިމީ މުވާސަލާތީ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފިއެވެ.
ތުރުކީގެ ޓްރާންސްޕޯޓް އަދި އިންފްރާސްޓްރަކްޗަރ ވަޒީރު އަބްދުލްޤާދިރު އުރަލޯގުލު ވަނީ އެ ގައުމުގެ ފުރަތަމަ އަމިއްލަ މުވާސަލާތީ ސެޓެލައިޓް ތުރުކްސަޓް 6އޭ، އޭގެ ދާއިމީ އޯބިޓް ކަމުގައިވާ އިރުމަތީ 42 ޑިގްރީގައި ހުންނަ ޖިއޯސިންކްރޮނަސް އޯބިޓަށް ވަދެފައިވާ ކަމަށް ހޮނިހިރު ދުވަހު އިއުލާނުކޮށްފައެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިއުކުރި ބަޔާނެއްގައި އޭނާ ވިދާޅުވީ، ހަ ފަހަރެއްގެ މަތިން ދަތުރުކުރުމަށްފަހު ތުރުކްސަޓް 6އޭ ވަނީ އޭގެ ކަނޑައެޅިފައިވާ އޯބިޓަށް ވަދެފައި ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްޓުކުރުމުގެ މަރުހަލާ ނިންމައި، ސެޓެލައިޓް ޚިދުމަތަށް ނެރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުލައި 9 ވަނަ ދުވަހު ސްޕޭސްއެކްސްގެ ކޭޕް ކެނަވެރަލް ދޫކުރާ މަރުކަޒުން ފެށި ދަތުރުގައި، ތުރުކްސަޓް 6އޭ ވަނީ ޖުލައި 20 ވަނަ ދުވަހު އިރުމަތީ 50 ޑިގްރީގައި ހުންނަ ވަގުތީ އޯބިޓަކަށް ވަދެފައެވެ. މި މުއްދަތުގައި ސެޓެލައިޓްގެ ޕޭލޯޑް ޓެސްޓުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.
ތުރުކްސަޓް 6އޭ އަކީ ތުރުކީގެ ތާރީޚުގައި އެންމެ ބޮޑު ރިސާރޗް އެންޑް ޑިވެލޮޕްމަންޓް މަޝްރޫއު ކަމަށާއި، އެ ގައުމުގެ ބައިނަލްއަޤްވާމީ ނުފޫޒު އިތުރުކޮށް، ފަޒާގެ މުސްތަޤުބަލު ބައްޓަންކުރާނެ ޕްރޮޖެކްޓެއްގެ ގޮތުގައި އުރަލޯގުލު ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!