ޖަޕާން އެއަރލައިންސްގެ ސިސްޓަމްތައް ސައިބަރ ހަމަލާއަކަށްފަހު އަނބުރާ އާންމު ހާލަތަށް ގެނެސްފިއެވެ.

ޖަޕާން އެއަރލައިންސް (ޖޭއޭއެލް) އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެ ކުންފުނީގެ ސިސްޓަމްތައް އަނބުރާ އާންމު ހާލަތަށް ގެނެސް އެދުވަހު ވިއްކާ ޓިކެޓްތައް ވިއްކަން ފަށާފައިވާ ކަމަށެވެ. މިއީ ސައިބަރ ހަމަލާއެއްގެ ސަބަބުން ބޭރާއި އެތެރޭގެ ބައެއް ދަތުރުތަކަށް ޑިލޭތަކެއް އައުމަށްފަހުގައެވެ.

Ad
rt

ޖޭއޭއެލްއިން ކުރިން ބުނެފައިވާ ގޮތުގައި މި ހަމަލާ ފެށިފައިވަނީ ހެނދުނު 7:24 ގައެވެ. އަދި އެތެރޭގެ އަދި ބޭރުގެ ސިސްޓަމްތަކަށް އޭގެ އަސަރު ކޮށްފައިވެއެވެ. މައްސަލަ ދިމާވި ރައުޓަރެއް ވަގުތީގޮތުން ބަންދުކޮށް، ބުރާސްފަތި ދުވަހު ފުރާ ދަތުރުތަކުގެ ޓިކެޓް ވިއްކުން ވަނީ މެދުކަނޑާލާފައެވެ.

ނަމަވެސް، އެ ކުންފުނިން ބުނާގޮތުގައި އެއްވެސް ކަސްޓަމަރެއްގެ މަޢުލޫމާތެއް ލީކުވެފައެއް ނުވެއެވެ. އަދި ކޮމްޕިއުޓަރ ވައިރަސްއަކުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޖަޕާނުގެ އަނެއް މައި އެއަރލައިން ކަމުގައިވާ އޭއެންއޭ ހޯލްޑިންގްސްގެ ތަރުޖަމާނެއް ބުނެފައިވަނީ އެ ކުންފުނީގެ ސިސްޓަމްތަކަށް ހަމަލާއެއްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

މި ހަފްތާގެ ތެރޭގައި އެމެރިކަން އެއަރލައިންސްއިން ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުރިހާ ދަތުރުތަކެއް އެއް ގަޑިއިރަށް ހުއްޓާލާފައެވެ. މީގެ ސަބަބުން ކްރިސްމަސް އީވްގައި އެތައް ހާސް މީހުންގެ ދަތުރުތަކަށް ދަތިތަކާ ކުރިމަތިވިއެވެ.