އެޕަލްގެ މުވައްޒަފުންގެ އަމިއްލަ ޒާތީ މަޢުލޫމާތު ބެލުމުގެ ތުހުމަތުގައި އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ.
ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި އެޕަލްގެ މައްޗަށް އެ ކުންފުނީގެ މުވައްޒަފަކު އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ އެޕަލްއިން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ވަސީލަތްތަކާއި އައިކްލައުޑް އެކައުންޓްތައް ޤާނޫނާ ޚިލާފަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މުސާރައާއި މަސައްކަތުގެ މާޙައުލާ ބެހޭގޮތުން މުވައްޒަފުންނަށް ވާހަކަ ދެއްކުން މަނާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެޕަލްގެ ޑިޖިޓަލް އެޑްވަޓައިޒިންގ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަމަރު ބަކްތާ ނަމަކަށް ކިޔާ މުވައްޒަފެއް ކެލިފޯނިއާ ސްޓޭޓް ކޯޓުގައި މި ދަޢުވާ އުފުލާފައިވަނީ އާދީއްތަ ދުވަހުއެވެ. މި ދަޢުވާގައި ބުނެފައިވާ ގޮތުގައި، އެޕަލްއިން މުވައްޒަފުންގެ އަމިއްލަ ވަސީލަތްތަކުގައި ސޮފްޓްވެއަރއެއް އިންސްޓޯލްކުރަން ޖެހެއެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް މުވައްޒަފުންގެ އީމެއިލް، ފޮޓޯ ލައިބްރަރީ، ޞިއްޙީ މަޢުލޫމާތު އަދި އެހެނިހެން އަމިއްލަ މަޢުލޫމާތުތަކަށް އެޕަލްއަށް އެކްސެސް ލިބެއެވެ.
މީގެ އިތުރުން، މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލާ ބެހޭގޮތުން ވާހަކަ ދެއްކުމާއި، މީޑިއާއަށް މަޢުލޫމާތު ދިނުމާއި، ޤާނޫނީ ގޮތުން ރައްކާތެރިކަން ލިބިގެންވާ ވިސްލްބްލޯވިންގ ފަދަ ކަންކަން ކުރުން މަނާކުރާ ސިއްރު ހިފެހެއްޓުމުގެ ސިޔާސަތުތަކެއް އެޕަލްއިން ތަންފީޒުކުރަމުންދާ ކަމަށްވެސް ދަޢުވާގައި ބުނެފައިވެއެވެ.
2020 ވަނަ އަހަރުން ފެށިގެން އެޕަލްގައި މަސައްކަތްކުރަމުންދާ ބަކްތާ ބުނާ ގޮތުގައި، އޭނާގެ މަސައްކަތާ ބެހޭގޮތުން ޕޮޑްކާސްޓްތަކުގައި ވާހަކަ ދެއްކުން މަނާކުރެވި، އަދި އޭނާގެ ލިންކްޑްއިން ޕްރޮފައިލްއިން މަސައްކަތުގެ މާޙައުލާ ގުޅޭ މަޢުލޫމާތު ނެގުމަށް އަންގާފައިވެއެވެ.
"އެޕަލްގެ މޮނިޓަރިންގ ސިޔާސަތުތަކާއި އުސޫލުތަކުން މުވައްޒަފުންގެ ވިސްލްބްލޯވިންގ، ވާދަވެރިކަން، ވަޒީފާގެ ބާޒާރުގައި މުވައްޒަފުންނަށް މިނިވަންކަމާއެކު އުޅުމުގެ ޙައްޤު، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ޤާނޫނާ ޚިލާފަށް ހިފަހައްޓައެވެ،" މި ދަޢުވާގައި ބުނެފައިވެއެވެ.
މިދައުވާ ތަކާ ބެހޭ ގޮތުން އެޕަލް އިން ބުނެފައިވަނީ މި ދަޢުވާގައިވާ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!