ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ބިލެއް އޮސްޓްރޭލިއާގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮސްޓްރޭލިއާގެ ޕާލަމެންޓުގެ ތިރިގެއިން ބުދަ ދުވަހު ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ބިލެއް ފާސްކޮށްފައެވެ. މިބިލް ފާސްކޮށްފައި މިވަނީ ގޫގުލް އަދި މެޓާ ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މި ޤާނޫނު ފާސްކުރުން ލަސްކުރުމަށް އެދިފައި ވަނިކޮށެވެ.

Ad
rt

މި ބިލު ފާސްވެފައިވަނީ 102 މެންބަރުން އެއްކޮޅަށް ވޯޓުދެއްވައި، 13 މެންބަރުން ދެކޮޅަށް ވޯޓުދެއްވުމާއެކުގައެވެ. މިއީ ދުނިޔޭގައި ސޯޝަލް މީޑިއާ ބޭނުންކުރުން އެންމެ ހަރުކަށި ގޮތަކަށް ކޮންޓްރޯލްކުރާ ޤާނޫނުތަކުގެ ތެރެއިން އެއް ޤާނޫނެވެ.

ބުދަ ދުވަހުގެ ފަހުން މި ބިލު ސެނެޓަށް ހުށަހެޅި، ބަހުސްކުރެވޭނެކަމަށް ބެލެވެއެވެ. އަދި ސަރުކާރުން ބޭނުންވަނީ މި އަހަރު ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ބިލު ފާސްކުރުމަށެވެ.

ބޮޑު ވަޒީރު އެންތޯނީ އަލްބަނީޒް ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމަށެވެ. އަދި މި ބިލު ފާސްކުރުމަށް މައިންބަފައިންގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

މި ޤާނޫނުގެ ދަށުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ޔަގީންކުރުމުގެ ނިޒާމެއް ޤާއިމްކުރަން ޖެހޭނެއެވެ. އަދި މި ޤާނޫނާ ޚިލާފުވާ ކުންފުނިތަކަށް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

އޮސްޓްރޭލިއާއިން ރާވާފައިވަނީ ބަޔޯމެޓްރިކްސް ނުވަތަ ސަރުކާރުގެ އައިޑީ ބޭނުންކޮށްގެން އުމުރު ޔަގީންކުރުމުގެ ނިޒާމެއް ތަޖުރިބާކުރުމަށެވެ. ނަމަވެސް ސެނެޓް ކޮމިޓީއިން ވަނީ ޕާސްޕޯޓު ނުވަތަ އެހެނިހެން އަމިއްލަ މަޢުލޫމާތު ހުށަހެޅުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މަޖުބޫރު ނުކުރުމަށް ހުށަހަޅާފައެވެ.