ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވެފައި ވަނީ މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އެ އިސްލާޙްތައް ގެނެސްދެއްވީތީ މަޖިލިސް މެންބަރުންނަށް ޝުކުރު އަދާކުރަށްވަމުން ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުންގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްޤީއާ، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއްކަމުގައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވާގޮތަށެވެ. އެހެންނަމަވެސް އައު އިޞްލާޙާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އައު އިޞްލާޙާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމަށާއި، އެގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި ރައީސް ފާހަގަކުރެއއްވިއެވެ. އަދި އައު އިޞްލާޙުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، ޢަމަލީ ގޮތުން ޙަރަކާތްތެރި ވާނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވާ، މިއަދު ގެނައި އިޞްލާޙަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި 'އެންޓި ޑިފެކްޝަން' ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާކަން ވެސް ފާހަގަކުރަށްވާފައެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޤާނޫއަސާސީއަށް އިސްލާޙްގެނައުމުގެ ބިލުގެ މަސައްކަތް އިއްޔެ މަޖިލީހުގައި ފަށައި، ބިލެއް ފާސްކުރަން އޮންނަ މަރުހަލާތައް ހިންގުމަށްފަހު ރެޔާއި ހަމައަށް ބިލު ފާސްކޮށް ވަނީ ނިންމާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ އެ ބިލު ތަސްދީގުކުރަށްވާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށްވާތީ މި އިސްލާޙްތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!