ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނޯވޭއާއި ކަޒަކިސްތާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. ނޯވޭގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުން މޮޅުވުމާއިއެކު ނޯވޭ ވަނީ ލީގުގެ އޭ ކެޓަގަރީ އަށް ކޮލިފައިވެފައެވެ. ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއިއެކު ލީގު ބީގެ ގްރޫޕް ތިނެއްގެ އެއްވަނަ އެ ޓީމަށް ލިބިފައިވާއިރު ދެވަނާގައި އޮތީ އޮސްޓްރިއާއެވެ. އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ރޭ މެޗުގައި ހާލަންޑް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ އުމުރުން 24 އަހަރުގެ ހާލަންޑްގެ ކެރިއާގައި އޭނާ ހެދި 25 ވަނަ ހެޓްރިކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 39 މެޗުގައި 38 ލަނޑު ޖަހާފައެވެ. މި ސީޒަންގައި މިހާތަނަށް ކްލަބާއި ގައުމީ ޓީމް ހިމެނޭހެއް އޭނާ ވަނީ 22 ލަނޑު ޖަހާފައެވެ.
ރޭ މެޗުގައި ނޯވޭއަށް އަނެއް ދެ ލަނޑު ޖަހައިދިނީ ސޯލޯތު އާއި ނުސާއެވެ. މި ގްރޫޕްގައި ރޭ އޮސްޓްރިއާއާއި ސްލޮވޭނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!