ލުބުނާންގެ ހިޒްބުﷲއާއި އިޒްރޭލާ ދެމެދު ހިނގަމުންދާ އަހަރަކަށް ވުރެ ދިގުލައިގެންދިޔަ ހަނގުރާމައިގެ ސަބަބުން ލުބުނާނަށް 5 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އިޤްތިޞާދީ ގެއްލުން ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން 100،000 އާ ގާތްކުރާ އަދަދެއްގެ ގެދޮރަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

އިއްޔެ ޝާއިޢުކުރި ރިޕޯޓެއްގައި ވޯލްޑް ބޭންކުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޯބަރު 27 އާ ހަމައަށް، ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން ލުބުނާނަށް 5.1 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ގެއްލުން ވެފައިވާ ކަމަށެވެ.

Ad
rt

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ގެއްލުންތައް "ބޮޑަށް ކޮންސެންޓްރޭޓްވެފައިވަނީ ވިޔަފާރި އާއި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގައި އަދި ދަނޑުވެރިކަމުގެ ދާއިރާގައި" އެވެ. އަދި "މި ހަނގުރާމައާ ގުޅިގެން ލުބުނާނަށް ލިބޭ ގެއްލުމާއި ހަލާކުވާ ތަކެތީގެ އަގު މި އެސެސްމަންޓުގައި ހުށަހަޅާފައިވާ އަދަދަށްވުރެ ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް" ބެލެވެއެވެ.

މި ހަނގުރާމައިގެ ސަބަބުން "އަންދާޒާކުރެވޭ ގޮތުގައި 99،209 ގޭގެއަށް ގެއްލުން ލިބިފައިވާ" ކަމަށާއި، މިއީ މައިގަނޑު ގޮތެއްގައި އިޒްރޭލާ އިންވެގެން އޮންނަ ލުބުނާންގެ ދެކުނު ސަރަޙައްދުގެ ގެތައް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މި ގެއްލުންތަކުގެ ޖުމްލަ އަގަކީ 2.8 ބިލިއަން ޑޮލަރު ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ހަލާކުވެފައިވާ ގެތަކުގެ ތެރެއިން 81 އިންސައްތަ ގެތައް ހުރީ ޓަޔަރ، ނަބަޓިއްޔާ، ސައިދާ، ބިންތް ޖުބައިލް އަދި މަރްޖައޫން ޑިސްޓްރިކްޓްތަކުގައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮކްޓޯބަރު 1 ގައި އިޒްރޭލުން މި ހަނގުރާމަ ފުޅާކޮށް، ދެކުނު ލުބުނާނަށް އެއްގަމު މަގުން ހަމަލާއެއް ދީފައިވާ ކަމަށާއި، މުޅި އެ ސަރަހައްދު ފަނާކުރަމުންދާ ތަން ފެންނަމުންދާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.