އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ބޮޑުތަނުން މަދުވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ކައުއުންސިލް ތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މޭޔަރ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.83 ބިލިޔަން ރުފިޔާ ބަޖެޓްގައި އޮންނަންވާނެ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ ބަޖެޓްގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިޔަން ރުފިޔާ ކަމަށާއި މިއީ ދޭންޖެހޭ އަދަދުގެ ގާތްގަނޑަކަށް %50 މަދު އަދަދެއް ކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮދުވުން ފާޅުކޮށްފައެވެ.
މޭޔަރ ވަނީ ކުރިއަށް އޮތް އަހަރާއި މި އަހަރުގެ އިތުރުން ފާއިތުވި އަހަރުގައި ކައުންސިލްތަކަށް ސަރުކާރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދުތައް ހިއްސާކުރައްވާފައެވެ. ފާއިތުވި 2023 ވަނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ އަހަރު ބަޖެޓުގައި ކުޅުދުއްފުއްޓަށް ވަނީ 43 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ. މި އަހަރު ކުޅުދުއްފުއްޓަށް ކަނޑައަޅާފައި އޮތީ 54 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަށް ސަރުކާރުން ކައުންސިލްތަކަށް ހުށަހަޅާފައިވާ ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 1.4 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ކުޅުދުއްފުއްޓަށް ކަނޑައަޅާފައިވަނީ 32 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިމަނާފައިވާ އަދަދަށްވުރެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އަދަދު ވަނީ 22 މިލިއަން ރުފިޔާ މަދުވެފައެވެ. އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވަނީ، އަންނަ އަހަރު ކުޅުދުއްފުއްޓަށް ލިބެންޖެހޭ ބަޖެޓަށްވުރެ 30 މިލިއަން ރުފިޔާ މަދު އަދަދެއްކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މޭޔަރ އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިއޮތް ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދާންވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވޭވަރަށް ބަޖެޓު ކުޑަކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށެވެ.
ކުރިންވެސް ދެމުންއައިގޮތަށް ޖުމްލަ ބަޖެޓުގެ %5 އަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ބޮޑުކޮށްދެއްވުމަށް މޭޔަރ ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!