ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރ ރޮޑްރީ ކާމިޔާބު ކޮށްފިއެވެ.
މިދިޔަ ސީޒަންގައި ކްލަބާއި ގައުމީ ޓީމްގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ރޮޑްރީއާއި އެންމެ ގާތުން މި އެ ވޯޑަށް ވާދަކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނީސިއަސް ޖޫނިއާއެވެ.
ރޮޑްރީ މި އެވޯޑް ކާމިޔާބު ކުރުމާއިއެކު އޭނާވެފައި ވަނީ ބެލޮންޑިއޯ އެވޯޑް ފާއިތުވި 64 އަހަރުތެރޭ ހޯދި ފުރަތަމަ ސްޕެއިން ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން ސްޕެއިން ކުޅުންތެރިއަކަށް މި އެވޯޑް ލިބިފައިވަނީ 1960 ވަނަ އަހަރުއެވެ. އެ އަހަރު އެވޯޑް ކާމިޔާބުކުރީ ސްޕެއިންގެ ލުއިސް ސުއަރޭޒްއެވެ.
މެންޗެސްޓާ ސިޓީން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ތަށި ކާމިޔާބުކުރި އިރު އުމުރުން 28 އަހަރުގެ ރޮޑްރީގެ ދައުރު ބޮޑެވެ. ރޮޑްރީ މިދިޔަ ސީޒަންގައި ސިޓީއަށް ލީގުގައި ކުޅުނު 34 މެޗުން ވެސް އެ ޓީމް ބަލިވެފައިނުވެއެވެ.
ރޮޑްރީ ވަނީ ސްޕެއިން ޓީމުގައ ވެސް މޮޅު ކުޅުމެއް ދައްކައި، ޔޫރޯ 2024 ގެ ތަށި ސްޕެއިން އާއިއެކު ކާމިޔާބުކޮށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
މިއީ 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުން ފުރަތަމަ ފަހަރެވެ.
ރޮޑްރީއާއި އެންމެ ކައިރިން ވާދަކުރީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކަރ ވިނީސިއަސްއެވެ. އޭނާ ވަނީ ރެއާލާއިއެކު މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ. އެ މުބާރާތްތަކުގައި މޮޅަށް ކުޅެ ސީޒަންގައި 24 ލަނޑުޖަހައި 11 ލަނޑު ޖަހަން އެހީތެރިވެދިނެވެ. ލިސްޓްގެ ތިންވަނާގައި އޮތީ ރެއާލްއަށް ކުޅެމުން އަންނަ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމެވެ.
އެންމެ މޮޅު ކޯޗަކަށް ރެއާލްގެ ކާލޯ އަންޗެލޮޓީ ހޮވުނުއިރު، އަހަރުގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ ރެއާލް މެޑްރިޑެވެ. ނަމަވެސް ރެއާލުގެ އެއްވެސް ކުޅުންތެރިއަކު މި ހަފްލާއަށް ހާޒިރުވެފައިނުވެއެވެ.
21 އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކަރ ލެމީން ޔަމާލް އެވެ. މިއީ 18 އަހަރުން ދަށުގެ ކުޅުންތެރިއަކު މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. ޔަމާލްގެ މިހާރު އުމުރަކީ 17 އަހަރެވެ.
ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ގާޑް މުލާ އެވޯޑް ލިބުނީ ހެރީ ކޭން އަށާއި އެމްބާޕޭއަށެވެ. މި ކޮންމެ ކުޅުންތެރިއަކު މިދިޔަ ސީޒަންގައި ވަނީ 52 ލަނޑު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!