ގޫގުލްއިން އެންޑްރޮއިޑް ކްރޯމްގެ އެޑްރެސް ބާރު ސްކްރީނުގެ ތިރިއަށް ގެނައުމަށް މަސައްކަތް ފަށައިފިއެވެ. މިއީ އައިފޯނުގައި މިހާރުވެސް ލިބެން ހުރި ފީޗަރެއް ކަމަށްވާއިރު، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިހާތަނަށް މި އޮޕްޝަން ލިބިފައި ނުވެއެވެ.
މަޝްހޫރު ލީކަރެއް ކަމަށްވާ ލިއޮޕެވާ64 އެކްސް ގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ކްރޯމް ކެނަރީގެ އެންމެ ފަހުގެ ވަރޝަންގައި މި ފީޗަރ ތަރައްޤީކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މި ވަރޝަންގައި އެޑްރެސް ބާރ ތިރިއަށް ގެންދިއުމަށް ޝޯޓްކަޓެއް ހިމަނާފައިވާ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
މި ފީޗަރ ބޭނުންކުރުމަށް އެޑްރެސް ބާރގައި ފިތައި ހިފަހައްޓާލުމުން މެނޫއެއް ފެންނާނެއެވެ. މި މެނޫގައި ލިންކް ކޮޕީކުރުމާއި އެޑްރެސް ބާގެ ޕޮޒިޝަން ބަދަލުކުރުމުގެ އޮޕްޝަން ހުންނާނެއެވެ. ނަމަވެސް މި ފީޗަރ އަދި ވަނީ ތަރައްޤީކުރަމުންދާ މަރުހަލާގައި ކަމަށާއި، ފުރިހަމައަށް މަސައްކަތް ނުކުރާ ކަމަށް ވެސް ލިއޮޕެވާ64 ފާހަގަކޮށްފައިވެއެވެ.
ގޫގުލްއިން މި ފީޗަރ އިތުރަށް ރަނގަޅުކުރުމަށްފަހު ބީޓާ ވަރޝަނަށް ގެނައުމަށް ރޭވިފައިވާ ކަމަށާއި، އޭގެ ފަހުން ކްރޯމްގެ ސްޓޭބަލް ވަރޝަނަށް ގެނެވޭނެ ކަމަށް އޭނާ ލަފާކޮށްފައިވެއެވެ. މި އައު ފީޗަރގެ ސަބަބުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްރޯމް ބްރައުޒަރ ކަސްޓަމައިޒްކޮށް ބަދަލުކުރުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!