އިންޑިއާގެ މަހާރާޝްތުރާގައި ހޮނިހިރު ދުވަހު ބަޑިން ހަމަލާދީ މަރާލި މުސްލިމް ސިޔާސީ ލީޑަރު ބާބާ ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން އޮންނަކަން ހާމަވެއްޖެއެވެ. ސިއްދީޤީ އަދި ބިޝްނޯއީ ގޭންގުގެ މެންބަރެއް،

ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ މަރާލުމުގެ މައްސަލަ ތަޙުޤީޤުކުރަމުންދާ މުމްބާއީ ކްރައިމް ބްރާންޗުން ބުނެފައިވަނީ، ބަންދްރާގައި އޭނާއަށް ހަމަލާދިން ތިން މީހުން ހަރުޔާނާ ޖަލެއްގައި ލޯރެންސް ބިޝްނޯއީ ގޭންގުގެ މެންބަރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގައި ހައްޔަރުކުރެވުނު ގުރުމެއިލް ސިންގު އަދި ދަރުމަރާޖު ކަޝްޔަޕު އާދީއްތަ ދުވަހު ކޯޓަށް ހާޒިރުކުރިއެވެ. ސިންގު ވަނީ އޮކްޓޯބަރު 21 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިފައެވެ. ނަމަވެސް ކަޝްޔަޕުގެ އުމުރާމެދު އުފެދުނު ސުވާލަކާ ގުޅިގެން، އޭނާގެ އުމުރު ދެނެގަތުމަށް ޓެސްޓެއް ހެދުމަށްފަހު އަލުން ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި އިތުރު ދެ މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެއީ ޝިވްކުމާރު ގައުތަމް އަދި މުޙައްމަދު ޒީޝާން އަޚްތަރެވެ. ގައުތަމަކީ ބަންދްރާގައި ހަމަލާދިން ތިން މީހުންގެ ތެރެއިން އެކަކެވެ. އަދި އަޚްތަރަކީ ސިއްދީޤީ މަރާލުމުގެ ކޮންޓްރެކްޓް ލިބުނު މީހާ ކަމަށް ބެލެވެއެވެ.

ފުލުހުން ވަނީ މި މީހުން 14 ދުވަހަށް ބަންދުކުރުމަށް އެދިފައެވެ. މި މަރުގެ ހާދިސާއަކީ ރޭވިގެން ކުރެވުނު ކަމެއް ކަމަށާއި، މަހާރާޝްޓްރާ އެސެމްބްލީ އިންތިޚާބު ކައިރިވަމުންދާތީ، އިތުރު މީހަކު މަރާލަން ރާާވާފައިވޭތޯ ބެލުމަށް މުއްދަތު ބޭނުންވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

"މި މީހުން ކުށްކުރުމުގެ ކުރިން ޕޫނޭ އަދި މުމްބާއީގައި މަޑުކޮށްފައިވޭ. މި ކުށުގައި ބޭނުންކުރި ހަތިޔާރާއި އުޅަނދު ހޯދައިދިން ފަރާތްތައް އަޅުގަނޑުމެން ދެނެގަންނަން ޖެހޭ،" ޕަބްލިކް ޕްރޮސެކިއުޓަރު ގައުތަމް ގައިކްވާޑު ބުންޏެވެ.

ސިއްދީޤީގެ މައްޗަށް ކަށުނަމާދުކޮށް ޖަނާރާ ބާއްވާފައި ވަނީ ރޭ މަޣްރިބް ނަމާދަށްފަހުއެވެ. އަދި އޭނާ ވަޅުލާފައި ވަނީ ރޭ 8:30 ގައި ބަންދްރާ ގަބުރަސްތާނުގައެވެ.

ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީގެ ލީޑަރު ސިއްދީޤީ މަރާލާފައި މި ވަނީ މަހާރާޝްޓްރާ އެސެމްބްލީގެ އިންތިޚާބު ކައިރިވަމުން އަންނަ ދަނޑިވަޅެއްގައެވެ. ތިން ދައުރު މަހާރާޝްޓްރާގެ ލެޖެސްޓިވް އެސެމްބްލީގެ މެންބަރުކަން ކޮށްފައިވާ ސިއްދީޤީ މަރާލުމުގެ ހާދިސާއިން ސްޓޭޓުގައި ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވާއިރު، މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރު ދެވެންދްރާ ފަޑްނަވިސް އިސްތިއުފާ ދިނުމަށް ގޮވާލައިފައިވެއެވެ. އޭނާ މަހާރާޝްޓްރާގެ ލެޖެސްޓިވް އެސެމްބްލީގެ މެންބަރުކަމަށް އިންތިޚާބުވެފައި ވަނީ 1999، 2004 އަދި 2009 ވަނަ އަހަރުއެވެ.

ސިއްދީގީ ވަނީ 2004 އިން 2008 އަށް މަހާރާޝްޓްރާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފުޑް އެންސް ސިވިލް ސަޕްލައިގެ މަގާމް ވެސް ފުރުއްވާފައެވެ.

ސިއްދީޤީ ވަނީ ކުރިން 1992 އާއި 1997 އާ ދެމެދު ވިދިވިދިގެން ދެ ދައުރު މުނިސިޕަލް ކޯޕަރޭޓަރެއްގެ ގޮތުގައިވެސް ޚިދުމަތްކޮށްފައެވެ. އޭނާ ނިޔާވުމުގެ ކުރިން، މުންބާއީ ރީޖަނަލް ކޮންގްރެސް ކޮމިޓީ އަދި މަހާރާޝްޓްރާ ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ޕާލިމެންޓަރީ ބޯޑުގެ ޗެއަރޕާސަން އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމު ފުރާފައިވާއިރު، 8 ފެބްރުއަރީ 2024 ގައި، އޭނާ ވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ އަސާސީ މެންބަރުކަމުން އިސްތިއުފާ ދީފައެވެ. އެއަށްފަހު، 12 ފެބްރުއަރީ 2024 ގައި އޭނާ ވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީއާާ ގުޅިފައެވެ.