ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 154 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން 20000 (ވިހިހާސް) އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޫކުރުމަށެވެ.

Ad
rt

މި ނިންމުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ފުރަތަމަ މަރުހަލާއަކީ ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުން ކަމަށެވެ.

އެއަށްފަހު އެ ފަރާތުގެ/ފަރާތްތަކުގެ ޑިމާންޑަކީ ކޮބައިތޯ ބަލާނެ ކަމަށާއި، އެ ފަރާތުން އިތުރު ވިޔަފާރި ކުރުމަށް ރަށުން އިތުރު ބިމެއް ބޭނުންވެއްޖެ ހާލަތެއްގައި ކައުންސިލަށް އެއްބަސްވެވޭ ގޮތެއްގެ މަތީން އެކަށީގެންވާ ބިމެއް ދޫކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވީ ހަނިމާދޫ ވައިގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމަކާއި ގާތްވެފައިވުމާއި، ރަށުގައި މިހާރު ވެސް ސިޓީ ހޮޓަލެއް ހިންގަމުން ދިޔުމުގެ އިތުރުން ރަށުގެ ޓުއަރިޒަމް ބިމުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކޮށްފައިވާ ބިންތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ހޮސްޕިޓަލެއްގެ މުހިންމުކަން ރަށަށް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

ފިރާގު އިތުރަށް ބުނީ ކައުންސިލުގެ މިހާރު ވިސްނުމަކީ ހޮސްޕިޓަލް އެޅުމަށް ބިން ދޫކުރުމުގައި ބަނދަރު ސަރަހައްދުން ބިން ދޫކުރުން ކަމަށެވެ.

ހޮސްޕިޓަލް އެޅުމަށް ހޯދަންޖެހޭ ފަންނީ އެހީއާއި، އެކުލަވާލަންޖެހޭ އުސޫލުތަކާއި ގަވައިދުތައް އެކުލަވާލުމަށް ކައުންސިލުން ތައްޔާރުވަމުން އަންނައިރު، ކަންކަން ހަމަޖެހުމުން ބިމަށް ކުރިމަތިލާން ވެސް އިއުލާން ކުރާނެ ކަމުގައި ފިރާގު ބުންޏެވެ.