ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކުރި ނަމަވެސް އެ ޓީމްގެ ތަޖުރިބާކާރު ޑިފެންޑަރ ޑެނީ ކަރަވަހާލް އަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ އެ ޓީމުން ލީގުގައި ބަލިނުވެ ކުޅުނު 41 ވަނަ މެޗެވެ. ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ ރެއާލާއި ވާދަވެރި ބާސެލޯނާއަތުގައެވެ. އެ ޓީމުން ވަނީ ލަލީގާގައި ބަލިނުވެ 43 މެޗު ކުޅެފައެވެ.

Ad
rt

ރޭ ވިޔަރެއާލް އަތުން ލިބުނު ތިން ޕޮއިންޓާއިއެކު އެއް މެޗު އިތުރަށް ކުޅެ ރެއާލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފައެވެ. ބާސާއަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ވަނީ 9 މެޗުން 21 ޕޮއިންޓް ހޯދާފައެވެ. މިރޭ ބާސާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

ރޭ މެޗުގައި ރެއާލުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖަހައިދިނީ ވަލްވަޑޭއެވެ. ލުކާ މޮޑްރިޗް ކޯނަރަކުން އޭރިއާ ބޭރުގައި ހުރި ވަލްވަޑޭއަށް ކުޅުނު ބޯޅަ ކޮންޓްރޯލްކޮށް އޭރިއާ ބޭރުން ފޮނުވާލި ބާރުހަމަލާ ޑިފެންޑަރެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ވިޔަރެއާލްގެ ނިކޮލަސް ޕެޕޭއަށް ލިބުނުއިރު އޭނާ ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ. ރެއާލަށް ލީޑު ފުޅާކޮށްދޭން ރުޑިގާއަށާއި ބެލިންހަމް އަށް ލިބުނު ފުރުސަތުތައް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ރެއާލުގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 17 މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ވިނީސިއަސްއެވެ. ވަލްވަޑޭ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ބޭރުގައި ހުރެ ވިނީ ފޮނުވާލި ބާރުހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި މެޗުގެ އިތުރު ވަގުތުގެ ތެރޭ ރެއާލްގެ ޑިފެންޑަރ ކަރަވަހާލްގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ. އަށިގަނޑުގައި އޭނާ ދަނޑުން ބާލަން ޖެހުނުއިރު، މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލުގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނީ ކަރަވަހާލްގެ އަނިޔާ ސީރިއަސް ކަމަށެވެ. އެކަމާއި ޓީމް އެންމެން ވެސް ވަރަށް ދެރަވެފައި ތިބިކަމަށެވެ. އަދި ކަރަވަހާލްގެ އަނިޔާގެ ތަފްސީލެއް ރެއާލުން ވެސް ހާމައެއް ނުކުރެއެވެ.