ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހިރަފުސް ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ކޮރަލްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮރަލްސް އިން ކުރި ހޯދީ (3-1) ގެ ނަތީޖާއިންނެވެ.

Ad
rt

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކޮރަލްސް އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ސާލިމް މުހައްމަދު (ލިމޭ) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުތިން ހިރަފުސްގެ ބިދޭސީ ފޯވާޑް، މައިކަލް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ކޮރަލްސް އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 59 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެ ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިމޭއެވެ. ހިރަފުހުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 86 ވަނަ މިނެޓުގައި އިބްރާހީމް ހުސެއިން (މައްލެ) ޖެހި ލަނޑުންނެވެ.

ޕެނަލްޓީގައި ހިރަފުސް ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. ކޮރަލްސްގެ ވެސް ދެ ޕެނަލްޓީއެއް ނާކާމިޔާބުވިއެވެ. ނަމަވެސް އަނެއް ތިން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމް މެޗުން މޮޅުވީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، މެޗުގެ ފުރިހަމަ ވަގުތުގައްޔާއި ޕެނަލްޓީގައި ވެސް މޮޅު ކުޅުމެއް ދެއްކީ ކޮރަލްސްގެ ކީޕަރ މާހީ އަބްދުﷲ އެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ އިންފިނިޓީ އެކަޑަމީއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.