އެމްޕޮކްސް ރެސްޕޮންސަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ހުޅަނގުގެ ގައުމުތަކަށް އެފްރިކާ ސީޑީސީން އިލްތިމާސްކޮށްފިއެވެ.

އެފްރިކާ ޔޫނިއަންގެ ސިއްޙީ އިދާރާގެ އިސްވެރިޔާ ވަނީ ކޮވިޑް-19 ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މިހާރު ފެތުރެމުންދާ އެމްޕޮކްސް ބަލީގައި އެފްރިކާ އެކަނި ދޫކޮށްނުލުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

Ad
rt

އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޖީން ކަސެޔާ ވިދާޅުވި ގޮތުގައި، އެފްރިކާ ސީޑީސީއާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައްރުގެ ފެންވަރުގައި ވެކްސިންދިނުމުގެ ޕްލޭނެއް ތަޢާރަފުކުރިތާ ހަފްތާއެއްގެ ތެރޭގައި 107 މަރާއި 3،160 އައު ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ.

"ހަފްތާއެއްގެ ތެރޭގައި 107 މީހުން ގެއްލުނީ. މިއީ މާ ގިނަ އަދަދެއް. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޑރ. ކަސެޔާ ވިދާޅުވިއެވެ. އަދި ސަރަޙައްދީ ފެންވަރުގައި ބަލި ފެތުރޭ މިންވަރު ބެލުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޕޮކްސްގެ އައު ސްޓްރެއިން ކްލޭޑް 1ބީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި އިތުރުވަމުން ދިއުމާ ގުޅިގެން، މި ބަލި ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ވަނީ އޯގަސްޓު މަހު ޑަބްލިއުއެޗްއޯއިން އިޢުލާނުކޮށްފައެވެ.

އެފްރިކާގެ 14 ގައުމެއްގައި މިހާރު ފެތުރިފައިވާ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެފްރިކާ ސީޑީސީއިން ބުނެފައިވެއެވެ. މި ފައިސާ ހޯދުމަށް ހުޅަނގުގެ ގައުމުތަކުން އެހީތެރިވެދިނުމަށް ޑރ. ކަސެޔާ ވަނީ ގޮވާލައްވާފައެވެ.

"ނޫނީ މާދަމާ އަނެއްކާވެސް ތިޔަބައިމީހުން އެފްރިކާ ދޫކޮށްލައިފިއޭ ބުނަން ޖެހިދާނެ،" އޮންލައިން ބްރީފިންގއެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެފްރިކާ ޔޫނިއަންގެ ބައެއް މެންބަރު ގައުމުތަކުން ވަނީ 6 މަސްދުވަހުގެ އިސްތިޖާބަދިނުމުގެ ޕްލޭނަށް ފައިސާ ދީފައެވެ. މިއީ ބައްރުގެ އަމިއްލަ މިލްކުވެރިކަން ދައްކުްކުވައިދޭ ކަމެއްގެ ގޮތުގައި ޑރ. ކަސެޔާ ފާހަގަކުރެއްވިއެވެ.