އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް މިސްކިތަށް ނަމާދަށް ނުދާނަމަ އަދަބު ދޭން އެގައުމުގައި ވެރިކަންކުރާ ޠާލިބާނުންގެ ސަރުކާރުން ފާސްކޮށްފިއެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން ނެރެފައިވާ މި އަމުރުގައި ބުނާގޮތުން، ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ފަހަރު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުން ލާޒިމުވާނެއެވެ. މި އަމުރަކީ އެ ޤައުމުގެ އެންމެ މަތީ ލީޑަރުގެ އިރުޝާދުގެ ދަށުން ނެރެފައިވާ އަމުރެކެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު، އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމަށް ތިންވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ގާނޫނާއި އެއާ ގުޅުން ހުރި އަދަބުތައް ތަންފީޒު ކުރުމަށް ސަރުކާރުން ވައުދުވެފައިވާކަމަށެވެ.
މި އަމުރުގައިވާ ގޮތުން، ސަރުކާރުގެ އޮފިޝަލުން މަޤުބޫލު ސައްހަ އުޒުރެއް ނެތި ނަމާދަށް ޖަމާޢަތަށް ނުދާނަމަ ފުރަތަމަ ފަހަރު އިންޒާރު ދެވޭނެއެވެ. މީގެ އިތުރުން، ތަކުރާރުކޮށް ނަމާދަށް ހާޒިރުނުވާ މުވައްޒަފުންނަށް މުސާރައިން އުނިކުރުމާއި އެހެނިހެން ޖޫރިމަނާތަކާ ކުރިމަތިލާންޖެހޭނެއެވެ.
ޕާކިސްތާނުގެ ނޫހެއް ކަމަށްވާ "ޑޯން" އިން ރިޕޯޓުކޮށްފައިވައިވާ ގޮތުގައި މި އަމުރަކީ އަފްޣާނިސްތާނުގެ ސަރުކާރުން އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މި އަމުރާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަފްޣާނިސްތާނުގެ ސަރުކާރުން ބުނަނީ މިއީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!