ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން އެ މަގާމުން ވަކޮކޮށްފިއެވެ.
ސައްތާރު ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާއާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.
ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ އެ ބައްދަލުވުމުގައި މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވަހީދު އިތުރަށް ވިދާޅުވީ ނައިބް ރައީސް ރަސްމީކޮށް އަތޮޅު ކައުންސިލަށް ވަޑައިގެން މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވަމުން ނުގެންދަވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލާއި ޕްލޭނުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ބޮޑުތަނުން އިހުމާލުވަމުން އަންނަ ކަމަށެވެ.
ސައްތާރުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް ފަހު އޭނާއަށް ޖަވާބުދާރީ ވާން 30 ދުވަހުގެ މުހުލަތެއް ދިނެވެ. އެ މުއްދަތު މިއަދަށް ހަމަވިއިރު، މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ސައްތާރު ވަކިކުރުމަށް ވަނީ ވޯޓުލާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި 12 މެމްބަރުންގެ ތެރެއިން 9 މެމްބަރުން ވޯޓް ދިނީ ސައްތާރު ވަކިކުރަން ފެންނަ ކަމަށެވެ. އެއްކޮޅަކަށް ވެސް ވޯޓް ނުދެއްވާ ތިން މެމްބަރުން ތިއްބެވެ.
ހދ.އަތޮޅު ކައުންސިލުގެ ރައީސްއަކީ މުހައްމަދު ސިރާޖުއެވެ. ރައީސް ޗުއްޓީއަށް ވަޑައިގަތުމުން އަތޮޅު ކައުންސިލް ހިންގުމުގެ ޒިންމާ ނަންގަވާ އެންމެ އިސްފަރާތަކީ ނައިބް ރައީސް އަބްދުއްސައްތާރު ހަސަންއެވެ. އޭނާއަކީ ހަނިމާދޫ ކައުންސިލްގެ ރައީސްއެވެ.
ހދ. އަތޮޅު ކައުންސިލްގެ ބޮޑު މެޖޯރިޓީ ތަމްސީލްކުރަނީ ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. ނައިބު ރައީސް ސައްތާރަކީ އިދިކޮޅު އެމްޑީޕީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!