އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުންކަމަށް އެކްސްގެ ވެރިޔާ އެލޮން މަސްކް ބުނެފިއެވެ.

އެމެރިކާގެ އިރުމަތީ ގަޑިން ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިންޓަވިއު ފެށުމަށްފަހު ކުރިއަށް ނުދެވުމާ ގުޅިގެން، މަސްކް ވަނީ އެކްސްގައި މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައި އެކްސްއަށް ބޮޑު ޑީޑޯސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަލާ ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޓްރަމްޕްގެ އިންޓަވިއު ފަހުން އާންމުކޮށް ޝާއިޢުކުރާނެ ކަމަށް ވެސް މަސްކް ބުނެފައިވެއެވެ.

Ad
rt

އެކްސްއަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިންކަމަށް މަސްކް ތުހުމަތުކުރާއިރު، ޑީޑޯސް ހަމަލާއަކީ ސާވަރތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ރިކުއެސްޓް ސިއްރުން ދެވޭ ހަމަލާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން މިއީ އެއްފަހަރާ ގިނަ ބަޔަކު ވެބްސައިޓަކަށް އެކްސެސްކުރުމުން ދިމާވެދާނެ ކަމެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެވެއެވެ. މަސްކްއާއި ޓްރަމްޕްއަކީ ގިނަ ބަޔަކު ޝައުގުވެރިވާ ދެ ފަރާތަކަށްވާތީ، މި އިންޓަވިއު ގިނަ ބަޔަކު އަޑުއަހަން އުޅުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މަސްކް ބުނެފައިވާ ގޮތުގައި އެ އިންޓަވިއުއަށް ތައްޔާރުވުމުގެ ގޮތުން އިންޓަވިއު ފެށުމުގެ ކުރިން 8 މިލިއަން މީހުން އެއްފަހަރާ އަޑުއެހޭ ގޮތަށް ޓެސްޓްކޮށްފައިވާނެއެވެ. އެހެންނަމަވެސް، ދުނިޔޭގައި 8 ބިލިއަން މީހުން ތިބިއިރު، އެކްސްގައި 500 މިލިއަން ބޭނުންކުރާ ފަރާތްތައް ތިބިކަމަށް ބެލެވޭތީ، 8 މިލިއަނަށްވުރެ ގިނަ މީހުން އިންޓަވިއު އަޑުއަހަން އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.