ޔޫކްރެއިން ސިފައިން ރަޝިއާގެ ސަރަހައްދަށް އަރައި ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފިއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރަޝިއާގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށާއި، ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ފައުޖުއާ ހަނގުރާމަ ކުރަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށް ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

Ad
rt

ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. ރަޝިއާގެ ސަރަހައްދަށް ވަދެފައިވާ ޔޫކްރެއިން ލަޝްކަރުގައި ގާތްގަނޑަކަށް 1000 އެއްހާ ސިފައިން ތިބި ކަމަށާއި، އެމީހުން ރަޝިއާގެ ސަރަހައްދަށް ވަދެފައިވަނީ ޓޭންކާއި ހަތިޔާރު އެޅި އުޅަނދުތަކުގައި ކަމަށްވެސް ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިނުން ރަޝިއާއަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ވައިގެ މަގުންނާއި އެއްގަމު މަގުން ރޮކެޓް ހަމަލާތައް ދީ، ޔޫކްރެއިންގެ ފައުޖު ބަލިކޮށް ފަހަތަށް ޖެއްސުމަށް ރަޝިއާގެ އަސްކަރިއްޔާއިން ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާ ކަމަށެވެ.

އެމެރިކާގެ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯއިން ބުނެފައިވަނީ، ޔޫކްރެއިނުން ރަޝިއާގެ ސަރަހައްދަށް އަރައި ދިން ހަމަލާތަކުގައި ޔޫކްރެއިނުން ފާހަގަކުރެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ފާހަގަކުރެވޭ ވަރުގެ ބޮޑު ސަރަހައްދެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.