ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމުގައި އެކްސްގެ ޕޯސްޓްތައް ޔޫޒަރުންގެ ހުއްދަނެތި ބޭނުން ނުކުރަން ނިންމައިފިއެވެ.
އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ޔޫޒަރުންގެ ޕޯސްޓްތަކާއި އިންޓަރެކްޝަންތައް ގްރޮކް އޭއައި ޗެޓްބޮޓް ތަމްރީނު ކުރުމަށް ބޭނުން ކުރުމުގެ ފުރުޞަތު ދީފައި ވާނެކަމަށެވެ. ނަމަވެސް، "އެކްސްގެ ހުރިހާ ޔޫޒަރުންނަށްވެސް އެމީހުންގެ ޕަބްލިކް ޕޯސްޓްތައް ގްރޮކް ތަމްރީނު ކުރުމަށް ބޭނުން ކުރަން ހުއްދަ ދިނުމާއި ނުދިނުން މިހާރު އޮންނާނީ ޔޫޒަރުންގެ އަތްމަތީގައި ކަމަށް އެކްސްއިން ވަނީ ބުނެފައެވެ.
އެކްސްއިން ހުކުރު ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޔޫޒަރުންނަށް އެމީހުންގެ ޕޯސްޓްތައް ގްރޮކް ޗެޓްބޮޓް ތަމްރީނުތަކުގައި ބޭނުން ކުރުމަށް ހުއްދަދިނުން ނުވަތަ ނުދިނުމުގެ ސެޓިން ފަންކްޝަން މިހާރު އެކްސްގެ ވެބް ޕްލެޓްފޯމުގައި ލިބެން ހުންނާނެ ކަމަށާއި އަދި ވަރަށް އަވަހަށް މޮބައިލް ޕްލެޓްފޯމަށްވެސް ތަޢާރަފު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޔޫޒަރުންނަށް އެމީހުންގެ އެކައުންޓް ޕްރައިވެޓް ކުރުމުން ޗެޓްބޮޓަށް އެމީހުންގެ މަޢުލޫމާތު ލިބުން ހުއްޓުވިދާނެ ކަމަށްވެސް އެކްސްއިން ބުނެފައިވެއެވެ.
ގްރޮކަކީ މިހާރު އެކްސްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ލިބެން ހުރި އޭއައި ޗެޓްބޮޓެކެވެ. މިއީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއާ ވާދަކުރުމަށް ފާއިތުވި ނޮވެމްބަރު މަހު ފުރަތަމަ ނެރުނު ޗެޓްބޮޓެވެ. ގްރޮކަކީ އީލޮން މަސްކް ހިއްސާވާ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް އެކްސްއޭއައިގެ ބައެކެވެ. އަދި މިއީ އެކްސްގެ ޑޭޓާ ބޭނުންކޮށްގެން ތަމްރީނު ކުރެވިފައިވާ ޗެޓްބޮޓެކެވެ.
އެކްސްގެ ޑޭޓާ ބޭނުންކޮށްގެން ގްރޮކް ތަމްރީނު ކުރާ ވާހަކަ އީލޮން މަސްކް ވަނީ މީގެ ކުރިންވެސް ދައްކާފައެވެ. މި އޭއައި ޗެޓްބޮޓުން މިހާރުވެސް އެކްސްގެ ޕޯސްޓްތައް ބޭނުންކޮށްގެން ޚަބަރުތައް ޚުލާސާކޮށް، ރިއަލްޓައިމް މަޢުލޫމާތާއެކު ސުވާލުތަކަށް ޖަވާބު ދެމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!