ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.

Ad
rt

އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ވެސް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި މައުލޫމާތެއް ހާމަ ކުރާއިރު ކޮންމެހެން ރިސިޓްތައް ދޭކަށް ނުޖެހޭނެ އެވެ. އަދި އެ ރިސިޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައި ވެސް ފޯރުކޮށް ދެވިދާނެ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ނިންމުން ބާތިލްކުރަން ދައުލަތުން އެދުނެވެ.

ނަމަވެސް ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އަދި ރިސިޓްތަކަކީ މައުލޫމާތުގެ މާނައިގެ ތެރެއަށް ވަންނާނެ އެއްޗެއް ނޫން ކަމަށް ކުރިން ދައުލަތުން އެއްވެސް މަރުހަލާއެއްގައި ވަކާލާތު ކޮށްފައެއް ނުވާތީ މިހާރު އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ދައުލަތަށް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުން ބުނާގޮތަށް ރިސިޓްތައް ނުދީ އެ މައުލޫމާތު އެހެން ލިޔުމަކަށް ބަދަލު ކުރުމަށްފަހު ދިނުމުން މައުލޫމާތުގެ ސައްހަކަން ކަށަވަރުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވުމަށްފަހު އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.