މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފް އާއި އެއިދާރާއާއި ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތް ކުރިއަށްދާނީ ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް ކަސްޓަމްސްއަށް ޑްރޯންގެ ބޭނުން ޖެހިފައިވާ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާތީކަމަށް މާނިއު ވަނީ ވިދާޅުވެފައެވެ.

''މި ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެންނަށް ފިޒިކަލީ ގޮސްގެން ނޫނީ. ދެން މިވާގޮތަކީ ދައުލަތުގެ ޚަރަދު ބޮޑުވާނީ، ލޯންޗުތަކަށް ޕެޓްރޯލް އަޅައިގެން ފޮނުވީމަ.'' މާނިއު ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ، ލޯންޗުގެ ބަދަލުގައި ޑްރޯން ފޮނުވާފައި ޑްރޯން އިން މި ސަރަހައްދަށް ވަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ ފުރުސަތު ލިބިއްޖެނަމަ، އެ އުޅަނދަކުން ތްރެޓެއް ލިބިއްޖެނަމަ އެތަނަށް އުޅަނދެއް ފޮނުވުމަކީ ކަސްޓަމްސްގެ ޕްލޭން ކަމަށެވެ.

އެމެރިކާ އާއި ޗައިނާއިން ހަދިޔާކުރަން ނިންމާފައި ވަނީ ދެ ޑްރޯން އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއަރކޯއާ ގުޅިގެން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މާނިޢު ވަނީ ވިދާޅުވެފައެވެ.