ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ކަނބަލުންނަށް ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހދ.އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ސީޓު ފޮނުވުމަށް ހަމަޖެހިފައިވާއިރު، ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވާންޖެހެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.

މަސައްކަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު 11:00 ގައި އަތޮޅު ކައުންސިލް އިދާރާގައެވެ.

ދާދި ފަހުން އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލުން އިންތިޒާމްކުރާ ތިލަދެކުނު ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.