އިސްލާމްދީނަކީ ރާއްޖޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ހައްގުތައް ލިބިދެވޭނީ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށްކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އޭޖީ އުޝާމް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ)ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ އައިސީސީޕީއާރުގެ ދެ ވަނަ ޕީރިއޯޑިކް ރިޕޯޓު ހުށަހަޅުއްވަމުންނެވެ.

Ad
rt

މި ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއިން ހުށަހަޅާފައިވާއިރު، މި ރިޕޯޓު ރިވިއު ކުރުމަށްޓަކައި، އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމެޓީން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިމަހުގެ 9 އިން 10 އަށް ކުރިއަށް ގެންދިޔަ ރިވިއުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައެވެ.

މި ރިވިއު ފެށުމުގެ ގޮތުން ރާއްޖޭގެ ވަފުދުގެ އިސްވެރިއާގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، އިސްލާމް ދީނަކީ، ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށެވެ. އަދި އެއީ ދިވެހި މުޖްތަމަޢުގައި ބަދަލުކުރުމުގެ ފުރުސަތު ނުދެވޭނެ އަސްލެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަނޑާރަ ނައިބު އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައިވާއިރު، މަދަނީ އަދި ސިޔާސީ ހައްޤުތައް ރާއްޖޭގައި ލިބޭނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި އިސްލާމް ދީނުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.

މި ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އ.ދ ގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމެޓީއާއި ހިއްސާ ކުރެވުނު މައުލޫމާތަށް ބިނާކޮށް ކޮމެޓީއަށް ފާހަގަކުރެވުނުކަންކަމާއި، ލަފާތައް ހިމެނޭ ރިޕޯޓު މިމަހުގެ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ހިއްސާ ކުރާނެއެވެ.