ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

Ad
rt

އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި ސްޕެއިންއެވެ.

މިރޭ މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ޑޮމިނޭޓް ކޮށްގެން ކުޅެފައި ވަނީ އިންގްލެންޑުންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހއި ލީޑު ނެގީ ނެދަލެންޑްސްއެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ޖަހައިދިނީ ޒަވީ ސިމޮންސްއެވެ.

އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. ކޭންއަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ވެސް ކޭންއެވެ.

ފޮޑެންގެ ފަރާތުން ފުރަތަމަ ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. މައިނޫ ތަނަވަސް ކޮށްދިން ފުރުސަތުގައި ފޮޑެން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ދިފާއު ކުރީ ޑިފެންޑަރ ޑަމްފްރީސްއެވެ. އޭގެ ފަހުން އޭރިއާ ބޭރުން ފޮޑެން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ނެދަލެންޑްސްއަށް ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ، ނެދަލެންޑްސްގެ ޑިފެންޑަރ ޑަމްފްރީސް ބޮލުން ފޮނުވާލިއިރު އެ ބޯޅަ ބޭރައް ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފުގައި ފުރަތަމަ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކަށެވެ. އިންގްލެންޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ވީރްމަން އިންގްލެންޑްގެ އޭރިއާތެރެއަށް ކުޅުނު ބޯޅަ އެއްފަހަރުން ވެން ޑައިކް ފޮނުވާލި ނުރައްކާތެރި ހަމަލާ މަތަކުރީ އިންގްލެންޑްގެ ކީޕަރ ޕިކްފޯޑެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ވޯލްކާއާއި ސަކާ ގުޅިގެން އުފެއްދި ހަމަލާއެއްގައި ސަކާ ލަނޑު ޖެހިނަމަވެސް އެ ފުރުސަތު ތަނަވަސް ކުރުމުގައި ވޯކާއަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

އިންގްލެންޑް މޮޅުވިލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ދެވަނަ މިނެޓުގެ ތެރޭ ޖަހައިދިނީ ވަޓްކިންސްއެވެ. ވަޓްކިންސް ކުޅެން ނުކުމެފައި ވަނީ ފަހު ދިހަ މިނެޓްގެ ތެރޭ ކޭންގެ ބަދަލުގައެވެ. އޭނާ މި ލަނޑު ޖެހީ ޕާމާގެ އެހީތެރިކަމާއިއެކުއެވެ.