ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ އެލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސުންނެވެ. މި ލަނޑު ނުވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ.

Ad
rt

މެޗުގެ ނަތީޖާ ސްޕެއިންއަށް ހަމަހަމަ ކޮށްދިނީ 21 ވަނަ މިނެޓުގައި އުމުރުން އެންމެ 16 އަހަރުގެ ލެމީން ޔަމާލްއެވެ. އޭރިއާ ބޭރުގައި ހުރެ ޔަމާލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ޔަމާލްވެފައި ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ހަގު އުމުރުގައި ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. އަދި އެންމެ ހަގު އުމުރުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ރެކޯޑާއި އެސިސްޓް ކުރުމުގެ ރެކޯޑް ވެސް މިވަގުތު ހިއްސާ ކުރަމުން އަންނަނީ އޭނާއެވެ.

ޔަމާލް ލަނޑުޖެހިތާ ހަތަރު މިނެޓް ފަހުން ޑެނީ އޯމޯ ވަނީ ލަނޑުޖަހައި ސްޕެއިންއަށް ލީޑު ނަގައިދީފައެވެ. ފްރާންސްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ދުރުކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ފްރާންސްގެ ޑިފެންޑަރ ކޫންޑޭގެ ފައިގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފުރާންސުން ކުރިއަށް ޖެހި ލަނޑު ޖަހަން މަސައްކަތް ކުރިއެވެ. މިގޮތުން އެމްބާޕޭއާއި ޑެމްބެލޭ ފޮނުވާލި ހަމަލާތައް ސްޕެއިންގެ ކީޕަރ ސިމޮން މަތަކުރިއިރު، މި ހާފުގައި ސްޕެއިނުން ބޮޑަށް ބެލީ ގިނައިރު ބޯޅަ ބާއްވައިގެން ހަމަޖެހިގެން މެޗު ނިންމުމަށެވެ. އެކަން ވަރަށް ރަނގަޅަށް ކޮށް ސްޕެއިނުން މެޗު ކާމިޔާބު ކުރީއެވެ.

ޔޫރޯގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިނުން މި އަހަރު ފައިނަލަށް ގޮސްފައި މިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

ފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ނެދަލެންޑްސްއާއި އިންގްލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.