ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ ވާހަކަ އަޑުއެހިން ހެއްއްޔެވެ؟ އައްޑިހައިގެ އަހަރު ތަކުގައި އުތުރުން ވިދާލި ބަނޑިޔާ ގްރޫޕްތައް ނިސްބަތްވާ އެއް ރަށަކީ ހދ. ފިނޭއެވެ. އެ ރަށުގައި ދެ ބަނޑިޔާ ގްރޫޕް އޮތެވެ. އަވަށަކު ބަނޑިޔާ ގްރޫޕެކެވެ.
ފިނޭ ޖިންސުންލަތީފުންގެ ފަރި ހަރަކާތްތައް ބައްލަވާލެއްވުމަށް އޭރުގެ އަތޮޅުވެރިންވެސް އެރަށަށް ވަޑައިގަންނަވައެވެ. އަތޮޅުވެރިން އޭރު ބަނޑިޔާ ބައްލަވަން ވަޑައިގެން މަޑުކުރައްވަނީ މިހާރުގެ ފިނޭ ސްކޫލް ކުރިމައްޗަށްވާހެން އެހެރަ ވީރާނާ ވެފައިވާ ފިނޭ ބާ ރައްވެހިގޭގައެވެ.
ބަނޑިޔާ ގްރޫޕްތަކުގެ ފަރިތަކުރުންތައް އާންމުކޮށް އޮންނަނީ މިދެންނެވި އޭރުގެ ރަށްވެހި ގޭގެ ގިފިލީގައެވެ. ފިނޭ ޖިންސުންލަތީފުން ބަނޑިޔާގެ ހުނަރު ދައްކާލުމަށް އަވަށްޓެރި ފަރިދޫން ފެށިގެން އަތޮޅު ރަށްތަކަށް ދަތުރުކުރިއެވެ.
ދިވެހިރާއްޖޭގެ އަޑުން އެއިރު ކޮންމެ ދުވަހަކު ހެނދުނު ފޮނުވަނުންދިޔަ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމަށް، ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ ލަވަތަށް ރެކޯޑްކޮށް ފޮނުވައިގެން ދުރަށް ފޮނުވިއެވެ.
މިވާހަކަތައް ތި އަޑުއެހީ އަލަށް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފިނޭއަކީ ބަނޑިޔާ ޖެހުމުގެ ހުނަރުން ފުރިފައިވާ ކަނބަލުންތަކެއް އެރަށުގެ ތާރީޚްގައި އުޅެފައިވާ ރަށެކެވެ.
މިހާހިސާބުން ބަނޑިޔާ ޖަހާ ގޮތަށް ބަލައިލާނަމެވެ. ބަނޑިޔާ ޖެހުމަކީ ދިވެހިން އިހުޒަމާނު ކުޅެ އުޅުނު ކުޅިވަރެކެވެ. ރާއްޖޭގެ ބައެއްހިސާބުތަކުގައި މިހާރުވެސް މަދުންނަމަވެސް ބަނޑިޔާ ޖަހާ އުޅެއެވެ. ބަނޑިޔާ ޖެހުމަށް ބޭނުންކުރަނީ ލޮއި ބަނޑިޔާގެ ދެ ބަނޑިޔާއެވެ. ބަނޑިޔާގައި ޖަހަނީ އަތުގެ އިނގިލީގައި އަޅާފައި އޮންނަ ނަރު ގަނޑަކުންނެވެ. އިހުގައި ބަނޑިޔާ ބޭނުންކުރަނީ ބެރާއި އެއްގޮތަކަށެވެ. ބަނޑިޔާ ޖެހުމުގައި ބަނޑިޔާ ޖަހާމީހާއާއި، ލަވަކިޔާ މީހާއާއި އަދި ފަތިގަނޑުޖަހާ މީހާ ބައިވެރިވެއެވެ.
އިހުގައި ބަނޑިޔާ ޖަހަން އާންމުކޮށް ތިބެނީ ބޮޑުއަށީގައާއި، ގޭ ދޮރުމަތީ ހުންނަ އަށިއަށީގައާއި އަދި ކުނާ އަޅައި، ކުނާމަތީ ތިބެގެންނެވެ.

ބަނޑިޔާ ޖަހާއިރު ބަނޑިޔާ ޖަހާ މީހާ ލަވަ ކިޔާފައި ވަޒަން ހަމަކޮށް ރީތި އަޑު އުފެދޭގޮތަށް ބަނޑިޔާގައި ޖަހަނީއެވެ. އަދި އޭނާ ބަނޑިޔާ ޖަހާއިރު ދެފަރާތާއި އަރިމަށްޗަށް ހެލުމާއި ވަކި ގޮތަކަށް އަތް ހޫރުވުމުގެ ހަރަކާތްތަކެއްވެސް ގެންގުޅެއެވެ. ބަނޑިޔާ ޖަހާއިރު ފަތިގަނޑު ޖެހުމަކީ ބަނޑިޔާ ޖެހުނުގެ ތެރޭގައި ހިމެނޭކަމެކެވެ. ބަނޑިޔާ ޖަހާގޮތުގެ ވާހަކަ މިހިސާބަށް ކުރުކޮށްލީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!