އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާ ކުރައްވަމުން ގެންދަވާ އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްބާސްގެ ވަކީލް ވިދާޅުވީ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ޓްވީޓްގައި ގޮވާލާފައި ނުވާ ކަމަށާއި ޓްވީޓްގައި އޮތީ އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ކަމަށެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެއްވެސް ތަނެއްގައި ހުޅުޖެހުމާއި މީހުންގެ ފުރާނައަށް ގެއްލުން ދޭން ހިތްވަރު ދޭ ގޮތަށް އައްބާސް އެއްވެސް ތަނެއްގައި ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އެ ދައުވާއަކީ ސިޔާސީ ގޮތުން ކުރެވޭ ސިޔާސީ ދައުވާއެއް ކަމަށާއި އަދި ދައުވާއަށް އިންކާރުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ އައްބާސާ ދެކޮޅަށް ފުލުހުންގެ ބައެއް ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އައްބާސްގެ ފަރާތުން އެދުނީ ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

އެ މައްސަލާގެ އަޑުއެހުމަށް އައްބާސް ހާޒިރު ނުކުރެވިގެން އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ކުރިން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ގާޒީ ސޮފްވަތު ވިދާޅުވީ ގަސްދުގައި ކޯޓަށް ހާޒިރުނުވެ އުޅޭނަމަ އެއްވެސް މީހެއްގެ މޫނަށް އަދި ހުރި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އެހެންވެ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ.