ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލެއިޓް ވުލްފް ހޯދައިފިއެވެ.
މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ބްލެކް ކޯނާ އެވެ.
ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކުޅުން ފެނިގެން ދިޔަ ފޯރިގަދަ މި މުބާރާތުގެ ތަށި ލެއިޓް ވުލްފް ހޯދީ ބްލެކް ކޯނާގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާ އައްޒާމް
ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައި ވަނީ ލެއިޓް ވޮލްފްގެ ޖާޒީ ނަންބަރު 13، އައްޒާމް އެވެ. ކިންގް އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދީ ދަ ބެންޗުގެ ޖާޒީ ނަންބަރު 9، ނާއިލް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ ބްލެކް ކޯނާގެ ޖާޒީ ނަންބަރު 66، މާއިލް އާއި ލެއިޓް ވޮލްފްގެ ޖާޒީ ނަންބަރު 13، އަޒާމް އާއި އެ ޓީމްގެ ޖާޒީ ނަންބަރު 21، ނާއިޒް އަދި ފިއުރިއަސްގެ ދެ ކުޅުންތެރިން ކަމަށްވާ ޖާޒީ ނަންބަރު 23، ސައިފް އަދި ޖާޒީ ނަންބަރު 10، އަޔާޒް އެވެ.
ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މުބާރާތުގެ ޗެމްޕިއަން ލެއިޓްވޮލްފްގެ ކޯޗު އާދަމް ޒާހިރު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ދެ ބެންޗްގެ ނާއިލް އެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ލެއިޓް ވޮލްފްގެ ކީޕަރު އަޔާޒް އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ޑާކް ހޯސްގެ ޖާޒީ ނަންބަރު 8، ހުސައިން މާހިލް އާމިރު އެވެ.
ރަނަރަޕް ޓީމު، ބްލެކް ކޯނާ
މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ކީޕަރު ފައިސަލް އެވެ. މި މުބާރާތް ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފުޓްސަލް ކިންގެއްކަމަށްވާ އަލީ ހާފިޒު (ހާއްޕެ) އެވެ.
މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!