ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު 13، އައްޒާމް އެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ފިއުރިޔަސްއާއި ބީސީ ލަޔަންސްއެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ފިއުރިޔަސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސްގެ ޖޯޒީ ނަމްބަރު 10، އަޔާޒް (އަޔާ) އެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ ބްލެކް ކޯނާސްއާއި ޑާކް ހޯސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްލެކް ކޯނާސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބްލެކް ކޯނާސްގެ ޖޯޒީ ނަމްބަރު 4، ރިޝްފާންއެވެ.

މި މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ފިއުރިޔަސް ނުކުންނާނީ ބީސީއާއި ދެކޮޅަށެވެ. މިރޭ ފުރަތަމަ މެޗުގައި ލެއިޓް ވުލްފާއި ބީސީ ލަޔަނަސް ބައްދަލުކުރާއިރު، މިރޭ ދެވަނަ މެޗުގައި ދަ ބެންޗް ނުކުންނާނީ ޑާކް ހޯސްއާއި ދެކޮޅަށެވެ.
މި މުބާރާތުގައި ޖުމްލަ 6 ޓީމެއް މި އަހަރު ވާދަކުރެއެވެ. އެ ޓީމްތަކަކީ ފިއުރިއަސް، ބްލެކް ކޯނާ އެފްސީ، ބްލެކް ކޯނާ ލަޔަންސް، ޑާކް ހޯސް، ލެއިޓް ވުލްފް، އަދި ދަ ބެންޗް އެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުގެ ހަވީރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!