ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާންއެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ވިނީސިއަސްއެވެ. މެދުތެރެއިން ޓޯނީ ކްރޫސް ކުޅުނު މޮޅު ބޯޅައަކުން ތަނަވަސްވީ ފުރުސަތުގައި ވިނީ ވަނީ ބޯޅަ ހިފައިގެންވަދެ ގޯލުގެ ތިރީކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ.

Ad
rt

ފުރަތަމަ ހާފު ނިމިގެން ދިޔައީ ރެއާލް ލީޑުގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ކައިރިކައިރީގައި ޖެހި ދެ ލަނޑުން ބަޔާނުން ނަތީޖާ އަނބުރާލިއެވެ. ބަޔާންގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ސާނޭ ޖަހައިދިންއިރު، ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ހެރީ ކޭންއެވެ. މިއީ ރެއާލްގެ އޭރިއާތެރެއިން ބަޔާންގެ މުސިއާލާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގައި ރެއާލުން ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވިނީ ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީ ރެއާލަށް ލިބިފައިވަނީ ބަޔާންގެ އޭރިއާތެރެއިން ޑިފެންޑަރ ކިމް، ރެއާލުގެ ރޮޑްރިގޯއަށް ފައުލްކުރުމާއި ގުޅިގެންނެވެ.

އަންނަ ހަފްތާގައި މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ރެއާލުގެ ދަނޑުގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 00:00 ގައި ބައްދަލުކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑެވެ.