ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔުމަށް މީހުން އަތުންނަގާ އަގު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.

މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

Ad
rt

އެހެންކަމާއެކު، ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ހައްޖު ކޯޕަރޭޝަންއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހަދައި ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ކުރިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވެސް ސަރުކާރާއި ހަވާލުވުމާއި އެކުވަނީ މަސައްކަތްތަކެއް ފަށާފައެވެ.