ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވިއްކާފައިވާ ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތަކަކީ ފޭކް ޑޮމެއިންތަކެއް ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ގެނެސްދިން "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމުގެ ކަންކަން ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެ ސިޓީއަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އޭރު އެންގި އެންގުމުން ކަމަށެވެ. ކުރީ ސަރުކާރުންވެސް މިކަން ހުއްޓުވާފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައިވެސް ގޯސްތަކެއް ހިނގާފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ވަރަށް ކުރިއްސުރެ ރަނގަޅަށް ޑޮމެއިން ނަގައިގެން ގެންގުޅުނު ފަރާތްތަކަށްވެސް އެ ސިޓީއާއެކު ހިދުމަތް ދިނުން ހުއްޓާލާފައި އޮތް ކަމަށެވެ. އަދި ގާނޫނުން ލާޒިމްކުރާ އުސޫލުން ބޭރުން އެތައް ޑޮމައިންތަކެއް ގެންގުޅުނު ކަމުގައި އަމީން ވިދާޅުވިއެވެ. އަދި ފޭކް ނޫންގޮތުގައި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅޭ އުޅުންވެސް ފާހަގަ ކުރެއްވުނު ކަމުގައި އޭނާ ވިދާޅުވިއެވެ.
ނަމަވެސް ވަކި ބަޔަކު ގަވާއިދާ ހިލާފަށް މިކަން ކުރުމަކީ ގަވާއިދާ އެއްގޮތަށް އުޅޭ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތެއް މެދުކެނޑިފައި އޮންނަން ޖެހޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިނުގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ފެއްޓި ކަމަކީ ޑޮމެއިންގެ ކްލެސިފިކޭޝަންތަކެއް ހަދަން ފެށީ. މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ %50. އަނެއް %50 ރަނގަޅު ނޫން ޑޮމެއިން." އަމީން ވިދާޅުވިއެވެ.
ފޭކް ޑޮމެއިންގެ މައްސަލަ ބޮޑުވެގެންދިޔައީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ ފަރާތުގެ މައްސަލައަކުންނޫން ކަމަށާއި، އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް ބަޔަކު އިހުމާލުވެފައިވާތީ ކަމަށް އަމީން ވިދާޅުވިއެވެ.
"ޓްރާންސްޕޯޓުގެ ތެރެއިން ބެކްއެންޑުން އަމިއްލައަށް ކްރިއޭޓްކޮށްގެން ސިސްޓަމް ތެރެއަށް ވަދެގެންނާއި، އަދި މިނިސްޓްރީގެ ތެރޭގައި ހިންގަވަމުން ގެންދެވި ބައެއް ފަރާތްތަކާ ގުޅިގެން ކޮށްފައިހުރި ވަރަށް ބޮޑެތި ގޯސްތައް އެއީ. އެހެންވީމަ ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެ މިގޮތަށް ހަދާފައިހުރި ބައެއް ޑޮމެއިންތައް އެބަހުރި އަމިއްލަ ފަރާތްތަކަށް ވިއްކާފައިވެސް." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސައްހަ ނޫން ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ގާނޫނީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!