މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ.
Miadhu dhevunu faisaa aaeku, masverin mi dhiya hukuru dhuvahaahisaabah beyni hurihaa mahah faisaa dhee masveringe backlog ekkoh clear kurevijje.
— Dr Mohamed Muizzu (@MMuizzu) March 10, 2024
"މިއަދު (އިއްޔެ) ދެވުނު ފައިސާއާ އެކު މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން ރޭ ބުނީ، އެ ކުންފުންޏަށް މަސްކިރުވުމަށް ފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 157 މިލިއަން ރުފިޔާ އޮޑިވެރިންނަށް ޖަމާކުރަމުންދާ ކަމަށެވެ. އެއީ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާއެވެ.
ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު އޮންނަ ހުރިހާ އޮޑިވެރިންނަށް ރޭގެ ނިޔަލަށް ފައިސާ ހުރީ ޖަމާވެފައެވެ. އަދި އެހެން ބޭންކުތައް ގެންގުޅޭ މަސްވެރިންނަށް މާދަމާގެ ނިޔަލަށް ފައިސާ ޖަމާވާނެއެވެ. އެއީ މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވެފައި ބޭންކުތައް ނުހުޅުވާނެތީއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ވެރިކަމާ ހަވާލުވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 280 މިލިއަން ރުފިޔާ ހުއްޓެވެ. ފައިސާ ދިނުމަށް އެކި ތާރީހުތައް ކަނޑައަޅައި، ބަހާލައިގެން ސަރުކާރުން އައީ މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. މި ސަރުކާރުން އެ ބެކްލޮގް ފިލުވާލައި، މިހާރު މަސްވެރިންނަށް ޖުމުލަ 787 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރާ ދިމާކޮށް، މިފްކޯ އަށް މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް އޮތީ ބޮޑުކޮށްފައެވެ. މަސްވެރިންނަށް ފައިސާ ނުދެވި ދިގުލައިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މަހުގެ އަގަށް ގެނައި ބަދަލެވެ. ދައުލަތަށް ބުރަ ބޮޑުވާ އަގަކަށްވާތީ މި ސަރުކާރުން މިިދިޔަ މަހު ވަނީ މިފްކޯ އަށް މަސް ގަންނަ އަގު 20ރ. އަށް ދަށްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!