3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް މިހާރު ރާއްޖެއަށް އައުމުގެ ދަތުރު ފަށާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކުރީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ އެވެ.
މުއާޒް ވަނީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ތިޔާގި ދުވަސްވަރެއްކަން ފާހަގަކުރައްވައި، މިފްކޯގެ މަސްކިރޭ ކެޕޭސިޓީ އިތުރުކުރުމަށް މަސްކިރާ ބޯޓެއް މި މަހު ރާއްޖެއަށް ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.
މިފްކޯ އިން ގެންނަން ނިންމާފައި ވަނީ 3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ ބޯޓު މިހާރު ރާއްޖެއަށް އައުމުގެ ދަތުރު ފަށާފައިވާކަމަށް ވެސް ބުންޏެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ މަސްވެރިކަމުގެ ސީޒަންކަމުން އިތުރު ބޯޓެއް ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބޭރުގެ މާކެޓްތަކަށް ދިވެހި މަސް ވިއްކުމަށް މަސައްކަތްކުރަމުންދާއިރު ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިކަން ހަމަޖެހުމުން ބޭރަށް ފޮނުވާ މަސް ރިޖެކްޓްވުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!