ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 21 ވާ އާދީއްތަ ދުވަހުއެވެ.
އާދީއްތަ ދުވަހު އިންތިޚާބުގެ ވޯޓުލުން ފަށާނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ބަންދުވާނީ ހަވީރު 16:00 ގައެވެ. އަދި ވޯޓު ގުނަން ފަށާނީ ހަވީރު 16:30 ގައެވެ.
މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.
އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ބުނާގޮތުން އިންތިޚާބެއް ރޯދަ މަސްތެރެއާއި ދިމާވެއްޖެ ހާލަތެއްގައި އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!