ދިވެހި މަސްވެރިން މަސް ކިރުމަށްފަހު، 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭގޮތް ހައްދަވާނެކަމަށް މަސްވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުފުޅު މި ދައުރުގެ ކުރީކޮޅު ފުއްދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މެންބަރު ހުސެން ވަނީ، ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ފުވައްމުލަކު ކަލެކްޝަން ސެންޓަރަށް މެޝިނަރީސް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި ޑޮލަރުން މަސްގަންނަން ފަށާނެ ތާރީޚަކީ ކޮބައިތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ.

''ރައީސްގެ ވަޢުދުފުޅަކީ 48 ގަޑިއިރުގެ ތެރޭގައި ޑޮލަރުދޭ ވާހަކަފުޅެއްނޫންހެން އަޅުގަނޑަށް ހީވަނީ، އިރާދަކުރެއްވިއްޔާ މަސް ކިރުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް އަޅުގަނޑުމެން މިހިރީ އަމާޒު ހިފާފައި، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިއުޅެނީ ދައުރުގެ ކުރީކޮޅު ވަޢުދުތައް ފުއްދޭތޯ،'' ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މީގެ ކުރިން ސަރުކާރުތަކުން ވަޢުދުތައް ފުއްދަން އުޅެނީ ދައުރު ނިމޭކޮޅު ނުވަތަ އިލެކްޝަންގެ ފުރަތަމަ ބުރު ނިމުނީމައި ކަމަށެވެ. އެހެން ކަންތައް ކުރުމުން ގިނަ ވަޢުދުތައް ނުފުއްދޭ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

''އަޅުގަނޑުމެން މިއުޅެނީ ރައީސް މުޢިއްޒުގެ ވަޢުދުފުޅުތައް ވީހާވެސް އަވަހަކަށް ތަންފީޒު ކުރެވޭތޯ، އިރާދަކުރެއްވިއްޔާ ދައުރުގެ ކުރީކޮޅު 48 ގަޑި އިރުގެ ތެރޭގައި ފައިސާ ދެވޭ ހިސާބަށް މަސައްކަތްތައް ކުރިއަށް ގެންދާނަން'' ޝިޔާމް ވިދާޅުވިއެވެ.